27 Aug 2016, 18:16
ސަން ފައުންޑޭޝަން ދ. އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ މިއަދު ފާޅުކޮށްފިއެވެ.
މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަންފައުންޑޭޝަންގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު ސިޔާމް ވިދާޅުވީ ދ. އަތޮޅަކީ ގުރުއާނަށް ލޯބިކުރާ ތެދުވެރި ރައްޔިތުންތަކެއް އުޅޭ އަތޮޅެއްކަމަށެވެ.

ސަން ފައުންޑޭޝަން ދ. އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަންފައުންޑޭޝަންގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ސިޔާމްގެ ވާހަކަފުޅުގައި، ގުރުއާން ތަޖުވީދަށް ރީތިކޮށް ކިޔެވުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަފުޅުދެއްކެވި އެވެ.
"އަޅުގަނޑުމެން ގުރުއާން ކިޔަވާއިރު ރަނގަޅަށް ތަޖުވީދުމަގުގައި ރީތި ގޮތަށް ކިޔަވާކަމުގައި ވާނަމަ ނަމާދަށް ތިބޭ މީހުން ނަމާދު ކުރާ ހިތްވާނެ. އަދި އޭގެ އަސަރުވެސް ބޮޑުވާނެ،" ސިޔާމް ވިދާޅުވި އެވެ.
ދ. އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ މިއަދު ފާޅުކޮށްފައިވާ އިރު، އެ މުބާރާތުގެ އެއްވަނަ ހޯދައިފައިވަނީ ދ. މީދޫ ފެހިގެ، ސުލްތާން މުހައްމަދު ލަތީފެވެ. އަދި އެ މުބާރާތުގެ ދެވަނަ ހޯދާފައިވަނީ ހަމަ އެގޭ ޔުމްނާ އަބްދުލް އަޒީޒެވެ. އަދި ތިންވަނަ ހޯދާފައިވަނީވެސް ހަމަ އެގޭ އުމްނާ އަބްދުލް އަޒީޒެވެ. މުބާރާތުގެ ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ފައިސާގެ އިނާމު ދީފައެވެ.
އެ މުބާރާތުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ގައުމީ މުބާރާތަށް ހޮވުނު ބައިވެރިންވެސް ވަނީ އިއުލާނުކޮށްފައެވެ. ގައުމީ މުބާރާތަށް ނުވަ ބައިވެރިއަކު ހޮވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 5 ފިރިހެން ބައިވެރިންނާއި، ހަތަރު އަންހެން ބައިވެރިންނެވެ.

ސަން ފައުންޑޭޝަން ދ. އަތޮޅު ގުރުއާން މުބާރާތުން އެއްވަނައަށް ދިޔަ ދަރިވަރު، ސުލްތާން މުހައްމަދު ލަތީފު ގުރުއާން ކިޔަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ގުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ސިޔާމްގެ އިތުރުން އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ އާއި ދ. އަތޮޅު ކައުންސިލްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ މުބާރާތުން އެއްވަނަ ހޯދި ދަރިވަރުގެ ގުރުއާނުގެ ބަރަކާތުންނެވެ.
ސަން ފައުންޑޭޝަނުންވަނީ މިއަހަރުގެ އޭޕްރީލް މަހު ނ. އަތޮޅުގައިވެސް ގުރުއާން މުބާރާތެއް ބާއްވާފައެވެ.