27 Aug 2016, 17:15
ހަރާރޭ (އޮގަސްޓް 27): ރައްޔިތުން މުޒާހަރާ ކޮށްގެން އަރަބި ގައުމުތަކެއްގެ ވެރިކަން ވައްޓާލި ފަދައިން، ޒިމްބާބުވޭގެ ވެރިކަން ވައްޓާލައި، އެގައުމަށް 'އަރަބި ސްޕްރިންގެއް' ނުގެނެވޭނެ ކަމަށް ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ ވިދާޅުވެއްޖެ އެވެ.
ޒިމްބާބުވޭގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ވެރިރަށް ހަރާރޭގައި ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން ފުލުހުން ވަނީ ވޯޓާ ކެނަން ބޭނުންކޮށް، ކަރުނަ ގޭސް ޖަހާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި އޭގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
"އެމީހުން ހީކުރަނީ އަރަބި ސްޕްރިންގުގައި ކަންތައްތައް ހިނގައި ދިޔަ ގޮތަށް މިގައުމުގައި ކަންތައްތައް ހިނގާނެ ކަމަށް. އެކަމަކު އެގޮތަށް ކަންތައްތައް ނުވާނެ ކަމަށް އަޅުގަނޑުމެން ދަންނަވަން،" ދައުލަތުގެ މީޑިއާ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން، 1980ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުގާބޭ ވިދާޅުވިއެވެ.
މުގާބޭ ވަނީ އެމުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޒިމްބާބުވޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުން ދަނީ ގައުމުގެ އިގުތިސާދީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުންނާއި ގިނަ ބަޔަކަށް ފައިސާ އާއި ވަޒީފާގެ ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. (އިންޑިޕެންޑެންޓް)