27 Aug 2016, 15:41
މާޒިޔާގެ ސްޓްރައިކަރު އަހުމަދު ނާޝިދު (ނައްޓޭ) ބާކީ ކޮށް މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އުމައިރު އާއި ނިއު ރޭޑިއަންޓްގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ހިމަނައިގެން ކުރިއަށް އޮތް ހަތަރު މެޗަށް ނެގި ގައުމީ ފުޓުބޯޅަ ޓީމްގެ ސްކޮޑް އިއުލާން ކޮށްފިއެވެ.
އެފްއޭއެމް އިން ބުނީ ގައުމީ ފުޓުބޯޅަ ޓީމްގެ ސްކޮޑް އެކުލަވާލީ އެފްއޭއެމްގެ ޓެކްނިކަލް ޓީމްގެ އިރުޝާދުގެ ދަށުން ސީދާ ކޯޗު ޑަރެން ސްޓެވާޓް ކަމަށެވެ. އޮސްޓްރޭލިއާގެ ސްޓެވާޓް ގައުމީ ޓީމާ ހަވާލުވީ މިމަހުގެ ކުރީކޮޅުއެވެ.
ގައުމީ ޓީމަށް ކުރިއަށް އޮތް ހަތަރު މެޗަކީ ހޯމަ ދުވަހު ގޯލްޑް ޓީމާދެކޮޅަށް ކުޅޭ ދައްކާލުމުގެ މެޗާއި، ބުދަ ދުވަހު ބަނގްލަދޭޝްގެ ގައުމީ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗާއި ސެޕްޓެމްބަރު ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗާއި އޭގެ ފަސް ދުވަސް ފަހުން ލާއޯސްގައި ކުޅޭ މެޗެވެ.
އެ ހަތަރު މެޗަށް ނެގި ސްކޮޑުން މިފަހަރު ޖާގަ ގެއްލުނު މުހިންމު ކުޅުންތެރިންނަކީ އެންމެ ފަހުން ގައުމީ ޓީމް ކުޅުނު އޭޝިއަން ގޭމްސް އާއި ބަންގަބަންދު ގޯލްޑް ކަޕާއި ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމްގެ އަރިމަތިން މޮޅު ކުޅުމެއް ދެއްކި ހަލުވި ސްޓްރައިކަރު ނައްޓޭ އާއި ވެލެންސިއާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އީގްލްސްގެ ޒުވާން މިޑްފީލްޑަރު އަންސަރު އިބްރާހިމް (އަންކޮ) އެވެ.
މީގެ އިތުރުން އަނިޔާގައި ގިނަ ދުވަހު ހުރުމަށް ފަހު މިއަހަރު ކުޅުމުގެ ތެރެއަށް ނިކުއިން މާޒިޔާގެ މިޑްފީލްޑަރު އުމައިރު އާއި ގައުމީ ޓީމަށް ކުރިން ކުޅުނު ހޮކޭ އަށް ވެސް ވަނީ މިފަހަރުގެ ސްކޮޑުން ޖާގަ ދީފައެވެ.
އެފްއޭއެމް އިން ބުނީ ގައުމީ ޓީމްގެ ޕްރެކްޓިސް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގައުމީ ސްކޮޑް:
މާޒިޔާ
އަހުމަދު އިމާޒް (އާއްކޮ)
- އަމްދާން އަލީ (އެންޑީ)
- އަލީ އަޝްފާގް (ދަގަނޑޭ)
- އަސްހަދު އަލީ (އަޑޭ)
- މުހައްމަދު އުމައިރު
- ޔަސްފާދު ހަބީބް
- ގާސިމް ސަމާމް
- އިސްމާއިލް އީސަ (މެސީ)
- ހުސައިން ނިޔާޒް (ބޮކުރީ)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އިމްރާން މުހައްމަދު
ކްލަބް އީގަލްސް
އަހުމަދު ރިޒްވާން،
- ހުސައިން ޝިފާއު ޔޫސުފް
- އިމްރާން ނާޝިދު
- ހަމްދާން އިބްރާހިމް
- އަހުމަދު ޒާދު
ޓީސީ ސްޕޯޓްސް ކްލަބް
ނާއިޒް ހަސަން (ދާދު)،
- މުހައްމަދު އިމްރާން (ކުޑަ އިމްރާން)
- އަލީ ފާސިރު (ސެންޓޭ)
- އަހުމަދު އަބްދުﷲ (ލިލީ)
ކްލަބް ވެލެންސިއާ
ޝާފިއު އަހުމަދު
- މުހައްމަދު ފައިސަލް
- ހައިސަމް ސަލީމް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް
ހަމްޒާ މުހައްމަދު (ހަމްޕް)
- މުހައްމަދު ރަޝީދު (ހޮކޭ)