27 Aug 2016, 14:21
ހުވަދުމާ ގޯޅީގައި ހުންނަ މ. މަދާލޭންޑު ގެއިން ރޭފެނިފައިވަނީ "ބުރައުން ވިޑޯ"(މުށިބަދިމަކުނު) ގެ ފައިދިގު މަނުކުތަކެއް ކަމަށް ބެލެވޭއިރު އެއީ އެހާ ނުރައްކާތެރި އެއްޗެ ނޫން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ ބުނެއެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެމަކުނުތައް ފެނުނު ސަރަހައްދުގައި މިހާރުވެސް ފުލުހުންނާއި އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރުވަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެއީ ބުރައުން ވިޑޯ ކަމަށާއި އެއީ އެހާ ނުރައްކާތެރި އެޗެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ބުރައުން ވިޑޯއަށް އިންސާނުންގެ ހަށިގަނޑަށް ވިހަ ނުފޯރުވޭއިރު އޭގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާ ކަމަށެވެ. ނަމަވެސް ކޮންމެ ވަރަކަށް އެލާޖިކް ވުން ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މަކުނުތައް ވަނީ އެ ގޭގެ ތިރީ ބައިގައި ހުރި ދަގަނޑު ހޮޅިތަކެއްގައި އާލާވާން ފަށާފަ އެވެ. އަދި ބިސް ވެސް އަޅަން ވަނީ ފަށާފަ އެވެ.
ބްރައުން ވިޑޯއަކީ ކަޅުބަދިމަކުނު ނުވަތަ ބްލެކް ވިޑޯއަށް ވުރެ ނުރައްކާތެރިކަން ކުޑަ މަކުނެކެވެ. ފުރާނައަށް ނުރައްކާ ކުރުވާ ބްލެކް ވިޑޯ މަކުނުތައް ދޭތެރެ ދޭތެރެއިން މާލެއިން ފެނެއެވެ.