ރޯމް (އޮގަސްޓް 27): މިދިޔަ ބުދަ ދުވަހު އިޓަލީގެ މެދުތެރެއަށް އައި 6.2 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމުގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ބުދަ ދުވަހުގެ ފަހުން ދިރިތިބި ބަޔަކު ފެނިފައި ނުވެއެވެ. ނަމަވެސް މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ 5000 ވަރަކަށް ސަލާމަތީ ފަރާތްތަކުން ވަނީ އަދި އުއްމީދު ކަނޑާނުލާ ކަމަށް ބުނެފައެވެ.

އިޓަލީގެ ސަރުކާރުން ވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދިރިހުރި އިތުރު މީހަކު އޮތްތޯ ކަށަވަރު ނުކޮށް މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

އިޓަލީގެ މެދުތެރެއަށް އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެގައުމުގެ ތާރީހީ އަވަށްތައް ކަމަށްވާ އަމަޓްރީޗޭ، އަކުމޯލީ އަދި ޕެސްކާރާ ޑެލް ޓްރޮންޓޯއަށެވެ. އޭގެ ތެރެއިން އަމަޓްރީޗޭ އަކީ 700 އަހަރުގެ މުއްސަނދި ތާރީހެއް އޮތް އަދި އިޓަލީގެ އެންމެ ރީތި އެއް ޓައުންގެ ލަގަބު ހޯދާފައިވާ ޓައުނެކެވެ.

ބިންހެލުމުގައި މަރުވިކަން ޔަގީންވި މީހުންގެ އަދަދު 278އަށް އަރާފައިވާ އިރު އިޓަލީގެ ސަރުކާރުން ވަނީ މިއަދަކީ ހިތާމަފާޅު ކުރުމުގެ ދުވަހެއް ކަމަށް ކަނޑައަޅާފައެވެ. (ބީބީސީ)