27 Aug 2016, 09:35
މަސްމާރުކޭޓޫ ސަރަހައްދުން ހުސޭނީ ގޯޅީގައި ހުންނަ އާންމު މުދާ ވިއްކާ ސީމާސް ފިހާރާގައި ރޭ މެންދަމުގެ ވަގުތެއްގައި އަލިފާން ރޯވެ ބައެއް މުދަލަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ހާނީއްކައެއް ނުވާ ކަމަށެވެ. އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ ގާތްގަނޑަކަށް 1:56 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާމަނުން ހަރަކާތްތެރިވެ ކުރި މަސައްކަތުން ރޭ 02:26 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައި ކަމަށެވެ.
މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އެހާދިސާ ހިނގަން މެދުވެރިވީ ސަބަބު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.