މިއަހަރު މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ 5000 އެއްހާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގުރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިޝަލު ހަސަން ހަލީލް 'ސަން' އަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގުރޭޝަންއިން ހިންގާ ތަފާތު ރެއިޑްތަކުން ގިނަ އަދަދެއްގެ ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ފުލުހުން މެދުވެރިކޮށް ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 230 ބިދޭސީން ޑީޕޯޓްކޮށްފައިވާއިރު އަނެއް ބަޔަކު އަނބުރާ އާދެވޭގޮތަށް ފޮނުވާލާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ގޮތުން އެމީހުން ރާއްޖެ ގެނައި ކުންފުނި ނޫން އެހެން ކުންފުއްޏަކަށް ވިސާ ހޯދައިގެން އުޅުމުގެ ހުއްދަ ދެމުންދާ ކަމަށެވެ.

ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް މަގުމަތީ އޮޕަރޭޝަންތަކާއި ތަފާތު ރެއިޑްތައް އިމިގުރޭޝަންއިން ދަނީ ޖައްސަމުންނެވެ. ހަމަ އެހެންމެ އަތޮޅުތެރޭ ބައެއް ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންވެސް އިމިގުރޭޝަންއިން ދަނީ ބެލުމުގެ ދަށަށް ގެންދަމުންނެވެ.