ދުންފަތުގެ ދުނިޔެއަށް ގިނަބަޔަކު ވެއްދުމަށްޓަކައި ދުނިޔޭގެ ދުންފަތުގެ އިންޑަސްޓްރީން ހިންގަމުންގެންދާ ކޭންޕޭނުގެ ދަލުގައި އޭޝިޔާގެ ޒުވާނުން ޖެހެމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ދީފި އެވެ.

ދުނިޔޭގައި އިއްޔެ ފާހަގަކުރި ދުންފަތާ އިދިކޮޅު ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި ޑަބްލިޔޫ.އެޗް.އޯ އިން ބުނެފައިވަނީ އޭޝިޔާ ބައްރުގެ ޒުވާނުން ދުންފަތުގެ އަވާގައި ޖެހެމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި އޭޝިޔާގެ ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިމީހުން ދުންފަތުގެ އިސްތިއުމާލު ކުރަމުން ގެންދާ ކަމުގަ އެވެ. އޭޝިޔާގެ ބައްރަށް ބަލާއިރު ދުންފަތުގެ ދަލުގައި މިފަހަކަށް އައިސް އެންމެ ބޮޑަށް ޖެހެމުންދަނީ ކެންބޯޑިޔާ، އިންޑޮނީޝިޔާ، ލާއޮސް، ވިއެޓްނާމް އަދި ފިލިޕީންސްގެ ޒުވާނުންނެވެ. މިއީ ދުންފަތާދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެންމެ ދޯދިޔާ ޤައުމުތައް ކަމަށް ޑަބްލިޔޫ.އެޗް.އޯ. ގެ މަސްއޫލުވެރިން ސިފަކުރައްވަ އެވެ.

ދުންފަތާ ދެކޮޅަށް އެންމެ ކާމިޔާބު ސިޔާސަތު ތަކެއް ތަންފީޒު ކުރަމުން ގެންދަނީ ޔޫރަޕްގެ ޤައުމުތަކާއި އެމެރިކާއާއި ޖަޕާންފަދަ ކުރިއަރާފައިވާ ޤައުމުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް މަޑުމަޑުންވަނީ ދަށަށްދާން ފަށާފަ އެވެ.

ޑަބްލިޔޫ.އެޗް.އޯގެ ބަޔާން ދުނިޔޭގެ ޤައުމުތަކަށާއި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓުންނަށް ގޮވާލާފައިވަނީ ދުންފަތުގެ ނުރައްކަލުން އިންސާނުން ސަލާމަތްކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ތަންފީޒުކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށެވެ.

އެގޮތުން ދުންފަތާއި ދުންފަތުގެ ދުމުން ސަލާމަތްވެގެންވާ ތަންތަން އިތުރަށް ޤާއިމް ކުރުމާއި ދުންފަތުގެ އިޝްތިހާރު ކުރުން މަނާކުރުމާއި ދުންފަތުގެ ނުރައްކަލާބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދުންފަތުގެ ބާވަތްތަކުންނަގާ ޑިޔުޓީ މަތިކޮށް އެބާވަތްތަކުގެ އަގު ބޮޑުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އެފަރާތްތަކަށް ޑަބްލިޔޫ.އެޗް.އޯ ގެ ބަޔާން ގޮވާލާފައިވެ އެވެ.

ދުނިޔޭގެ ޤައުމުތަކުގެތެރޭން 173 ޤައުމަކުންވަނީ ދުންފަތާ ދެކޮޅު މުއާހަދާގައި ސޮއިކޮށް އެމުއާހަދާ ތަންފީޒު ކުރަންފަށާފަ އެވެ. ދުންފަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާ މުއާހަދާގައި އޭޝިޔާ ބައްރުން ސޮއިނުކުރާ ހަމައެކަނި ޤައުމަކީ އިންޑޮނީޝިޔާ އެވެ. އިންޑޮނީޝިޔާގެ ރައްޔިތުންގެ ކޮންމެ 3 މީހެއްގެ ތެރެއިން ދެމީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. (ނޫސްއެޖެންސީތައް)