ކަޅުބަދިމަކުނު (ބްލެކް ވިޑޯ) އާއިލާއަށް ނިސްބަތްވާ ވިހަގަދަ ފައިދިގު މަކުނުތަކެއް މާލޭ ގެއަކުން ފެނިއްޖެ އެވެ.

ކަޅުބަދިމަކުނު އާއިލާގެ ފައިދިގު މަކުނުތަކެއް ފެނިފައި ވަނީ އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ހުވަދުމާ ގޯޅީގައި ހުންނަ މ. މަދާލޭންޑުންނެވެ.

އެ ގެއިން ފެނިފައި ވަނީ ބްރައުން ވިޑޯ ކަމަށް ބެލެވެ އެވެ.

މ. މަދާލޭންޑުން ފެނުނު ވިހަގަދަ މަކުނުތައް ބިސް އަޅާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެ އެއްޗެހި ފެނިފައި ވަނީ މަދާލޭންޑް އިމާރާތުގެ ތިރީ ބައިންނެވެ. އެ ގެއިން އެ މަކުނުތައް ފެނުމުން ފުލުހުން ވަނީ މިރޭ މެންދަމު 2:00 ޖަހަން އުޅެނިކޮށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ. އަދި މަދާލޭންޑުން އެ މަކުނުތައް ފެނުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ފުލުހުން ވަނީ ބައެއް މައުލޫމާތު ދީފަ އެވެ.

މަދާލޭންޑުގައި ދިރިއުޅޭ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ އެ ގެއިން ފެނިފައި ވަނީ ބްރައުން ވިޑޯ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެ އެއްޗެހި ނައްތާލާނެ ކަމިކަލް ފުލުހުންގެ އަތުގައި ނެތް ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ދޭނެ ކަމަށް ފުލުހުން ބުނި ކަމަށް އެ ގޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މ. މަދާލޭންޑުން ފެނުނު ވިހަގަދަ މަކުނެއް ވާ ފުރާފައި: އެ މަކުނުތައް ވަނީ އެގޭގެ ތިރީގައި އަލާވެ، ބިސް ވެސް އަޅަން ފަށާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިހަގަދަ މަކުނުތަކެއް މާލޭ ގެއަކުން ފެނުނު މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މަދާލޭންޑުން ފެނުނު މަކުނުތަކުގެ ފޮޓޯ "ސަން"އަށް ވަނީ ލިބިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ މަކުނުތައް ބްރައުން ވިޑޯއާ ވައްތަރެވެ. އެ މަކުނުތައް ވަނީ އެ ގޭގެ ތިރީ ބައިގައި ހުރި ދަގަނޑު ހޮޅިތަކެއްގައި އާލާވާން ފަށާފަ އެވެ. އަދި ބިސް ވެސް އަޅަން ވަނީ ފަށާފަ އެވެ.

ވިހަގަދަ މަކުނުތައް ފެނުނު މ. މަދާލޭންޑުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ބްރައުން ވިޑޯއަކީ ކަޅުބަދިމަކުނު ނުވަތަ ބްލެކް ވިޑޯއަށް ވުރެ ނުރައްކާތެރިކަން ކުޑަ މަކުނެކެވެ. ނަމަވެސް ބްރައުން ވިޑޯއަކީ ވިހަކަން ގަދަ އެއްޗެކެވެ. ހަށިގަނޑުގެ ތަނެއްގައި އެ މަކުނު ހެފުމުން އެ ތަނެއްގެ މަސްތައް ހަރުވެ، ލޭ ދައުރުވުމަށް ހުރަސް އެޅޭނެ އެވެ. ތަދުވުމާއި ހޮޑުލެވުމާއި ދާހިއްލުމަކީ ބްރައުންވިޑޯގެ ވިހައިގެ އަސަރު ކުރުމުން ދިމާވެދާނެ އަލާމާތްތަކެކެވެ.