27 Aug 2016, 08:55
ގައުމެއް އާރާސްތު ކުރުމަށް އެކުލަވާލެވޭނެ އެންމެ ރަނގަޅު ސިޔާސަތަކީ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުން ކަމަށާއި މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެއީ ކަމަށް ކުޑަހުވަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އާމިރު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ބަޔަކު ދައްކާ ވާހަކައަކަށް ބެއްލެވުމެއް ނެތި ކަމަށެވެ.
"އިޖުތިމާއީ މައްސަލަތަކަކީ ގައުމެއް އާރާސްތު ކުރުމަށް އަޅުގަނޑުމެންނަށް އެކުލަވާލެވޭނެ އެންމެ ރަނގަޅު އެއް ސިޔާސަތު،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ރައީސް ޔާމީނު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، އެމަނިކުފާނާ ގުޅޭ އެކި މައްސަލަތައް މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅިގެން ދިޔަ ކަމަށެވެ.
"އަށްސަތޭކަ މިލިއަން ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމެޓީއަކަށް މައްސަލައެއް ހުށަހެޅުނު. އެއީ މަޖިލީހުގެ ކޮމެޓީއެއް އެންމެ ފުރަތަމަ ލައިވް ކުރި ދުވަސްވެސްމެ. އެހެންނަމަވެސް މަޖިލީހުގެ މެންޑޭޓު ތެރެއިން އަޅުގަނޑު ހުށަހެޅިން އެ ކޮމެޓީ ލައިވް ނުކުރުމަށް. ނަމަވެސް މިއަދުގެ ރައީސް އަބްދުﷲ ޔާމީނު އޭރު އަޅުގަނޑުމެންގެ އާންމު ބަހުން ނަމަ ޔާމީނު އަޅުގަނޑުމެންގެ ޕީޖީ ލީޑާރު ޔާމީނު ވިދާޅުވީ އެކަން ހުއްޓުވާނެ ކަމެއް ނެތޭ، އެބޭފުޅުން ކުރައްވާނެ ކަމެއް ކުރުމުގެ ފުރުސަތު ދެއްވާށޭ،" ސަރުކާރު ކޯލިޝަން އެމްޑީއޭގެ ނައިބު ލީޑަރު އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވިއިރު މީހެއްގެ އަބުރު ރައްކާތެރި ކުރުމުގެ ގިނަ ކަންކަން އެމަނިކުފާނުގެ ކިބައިން ނިގުޅައިގަނެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ އިސްތަށުފުޅުގައި އެޅިގެން ދިޔަ ކަމަށެވެ.
"ތަފާތު އެކިއެކި ކަންކަން. ބޮޑެތި ތުހުމަތުތައް، މީހެއް މެރިކަމުގެ ތުހުމަތު އަޅުވާ ވައްކަން ކުރި ކަމުގެ ތުހުމަތު އަޅުވާ. މިހުރިހާ ކަމަކުން އެމަނިކުފާނުގެ އަބުރު ވަނީ ކަތިލާފައި." އާމިރު ވިދާޅުވި އެވެ.