27 Aug 2016, 04:02
ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަށްފަހު، ފުލުހުންގެ ހުއްދަ ނުހޯދައި އިދިކޮޅު އިއްތިހާދުން ބާއްވަން އުޅުނު ފުރަތަމަ ހިނގާލުމަށް ފުލުހުން ހުއްޓުވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ހިނގާލުން ފަށާފައި ވަނީ މިރޭ 9:00ގައި ބޮޑުތަކުރުފާނު އާޓްފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގެ ކައިރިންނެވެ. ހިނގާލުން ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނުކުތުމުން، ފުލުހުންގެ ހުއްދަ ނުހޯދައި ބާއްވަަން އުޅުނު ހިނގާލުމަކަށް ވާތީ ފުލުހުން ވަނީ އެ ހިނގާލުން ހުއްޓުވާފައެވެ.
މިރޭގެ ހިނގާލުން އިތުރަށް ކުރިއަށް ނުގެންދެވޭ ގޮތަށްް ފުލުހުން ހުއްޓުވީ އާޓްފިޝަލް ބީޗުގެ ކުރިމަތިންނެވެ. ނަމަވެސް މިރޭގެ ހިނގާލުމުގައި ފުލުހުންނާއި ހިނގާލުމުގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުމެއް އަދި ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ.

އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ހިނގާލުމުގެ ތެރެއިން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީނު ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރައްވާފަ އެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ފުލުހުންގެ ލިޔުމުން ދޭ ހުއްދައާ އެކު ފިޔަވައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.
ނަމަވެސް އެތަންތަނަކީ ކޮބައިކަން އަދި ހޯމް މިނިސްޓްރީއަކުން އަދި ކަނޑައެއް ނާޅަ އެވެ. އިސްލާހު ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ކުރެވޭ ތަންތަން ހޯމް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.