27 Aug 2016, 00:54
ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުން ސެއިމެން ބްރޭންޑްގެ ސީޓީ ސްކޭން މެޝިން ތައާރަފްކޮށްފި އެވެ.
ސެއިމެން ބްރޭންޑަކީ ދުނިޔޭގައި ބޭނުންކުރާ ސްކޭން މެޝިންތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ބްރޭންޑެވެ. އެގޮތުން އަވަށްޓެރި އިންޑިއާގެ ވެސް ގިނަ ހޮސްޕިޓަލްތަކުގައި ބޭނުން ކުރަނީ އެ ބްރޭންޑްގެ ސީޓީ ސްކޭން މެޝިންތަކެވެ.
އޭޑީކޭގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ މެޝިން އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ. އެ ރަސްމިއްޔާތުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެންމެ ފަހުގެ ސީޓީ މެޝިން އޭޑީކޭއިން ބޭނުން ކުރަން ފެށުމުން، އެކަމުގެ އުފަލުގައި ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވިދާޅުވީ، އެ ހޮސްޕިޓަލުން އަބަދުވެސް ބޭނުންވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތްތައް ދިނުމަށް ކަމަށެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"އަޅުގަނޑުމެން އެންމެ ފަހުން ވެސް މި ބޭނުން ކުރަމުން އައި މެޝިނުން އަސްލު އަޅުގަނޑުމެން ހިތްހަމަ ޖެހޭވަރަކަށް، އެންމެ ބޭނުނަވާ ވަރަށް މަސައްކަތެއް ނުކުރެވޭ. އެހެންވީމަ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް މި މޫވްކުރީ މިހާރު،" އަފްއާލް ވިދާޅުވި އެވެ.
ކުރީގައި ބޭނުން ކުރަމުން އައި މެޝިނާ ފަހުގެ މެޝިންގެ ފަރަގު ފާހަގަކުރައްވައި އަފްއާލް ވިދާޅުވީ ފަހުން ތައާރަފް ކުރި މެޝިނަކީ 128 ސްލައިސްގެ ސީޓީ ސްކޭން މެޝިނެއް ކަމަށެވެ. ނަމަވެސް ކުރީގައި ބޭނުން ކުރަމުން އައީ 16 ސްލައިސްގެ މެޝިނެއް ކަމަށް އަފްއާލް ވިދާޅުވި އެވެ.
"މަސައްކަތުގެ ކޮލިޓީއަށް ބަލާއިރު މިއީ ވަރަށް ބޮޑު ފަރަގެއް. މި މެޝިނުން ބަލިތައް މާ ފަސޭހައިން ދެނެގަނެވޭނެ. ގާތްގަނޑަކަށް 45 ސިކުންތު ތެރޭގައި ކިތަންމެ ބޮޑު ސްކޭނެއް ވެސް ނިންމާލުމުގެ ގާބިލުކަން މި މެޝިނަށް ލިބިގެންވޭ،" އަފްއާލް ވިދާޅުވި އެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އައްފާލް އިތުރަށް ވިދާޅުވީ ބޭސް ފަރުވާއަށް ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން ލިބެން ހުރި ފަރުވާތަކުގެ ބޭނުން ވެސް ހިފަންޖެހޭ ކަމަށެވެ. އަފްއާލް އެހެން ވިދާޅުވީ ބޭރަށް ދިއުން މަދުކުރަންޖެހޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ބުނުމަށް އިޝާރާތް ކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ވެސް ކުރެވޭ ކަންކަން ކުރަން ބައެއް ފަރާތްތަކުން ބޭރަށް ދާ ކަމަށާއި ރާއްޖޭގައި ލިބެން ހުރި ސިއްހީ ނިޒާމުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުން ދެމުން އަންނަ ސިއްހީ ހިދުމަތްތައް ކުރިއަރުވަން ރައީސް ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވާ އިރު ޕްރައިވެޓް ސެކްޓާގެ ސިއްހީ ހިދުމަތްތައް ވެސް އެއާއެކު ކުރި އަރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިނިސްޓަރު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ސިއްހީ ދާއިރާއަށް ތައާރަފް ވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް މީހުން ފަރުވާއަށްދާ މިންވަރު މަދުވެ، ބޭރަށް ހަރަދުވާ "މިލިއަން ޑޮލަރު" ހަރަދުނުވެ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ބެހެއްޓޭނެ ކަމަށެވެ. އެހެނިހެން ދާއިރާތަކަށް އެ ފައިސާ ބޭނުންކުރުމުގެ މަގު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އޭޑީކޭގައި މަސައްކަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި އެޑީކޭ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.