އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވިކްޓަރީ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ ނަތީޖާއާ އެކު ލީގުގެ ތާވަލަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު 15 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައި ވެލެންސިއާ އޮތް އިރު، ކުޅުނު 15 މެޗުން ލިބުނު 10 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތާވަލުގެ ހަ ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް 15 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މެޗު ފެށިތާ ހަ މިނެޓް ފަހުން ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ވެލެންސިއާ އިންނެވެ. ނަމަވެސް ވެލެންސިއާ އިން ކާމިޔާބުކުރި ލަނޑަށް ފަހު، އެ ޓީމަށް ފުރަތަމަ ހާފުގައި ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑު ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އުފެއްދި ހަމަލާ، ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަދުހަމް ދިން ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަކްރަމް އަބްދުލްޤަނީ (އަކޫ) އުފެއްދި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަސް މިނެޓް ފަހުން ވެލެންސިއާގެ އަދުހަމަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫސުފް ރަމީޒް ދިން ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި އަދުހަމް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޮމޮދޫ ގޮޑްފްރޭ ވެސްޓް ދިން ބޯޅައަކުން ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ފައިރޫޒެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު، ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެލެންސިއާ އަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަދުހަމް ނަގައިދިން ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އެންޖެލް ކަރެސްކޯސާ މުނޯޒް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާ އެވެ.