ޑީއާރުޕީގެ ލީޑާޝިޕްގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކޮށްނުދެވި ދިގުލައިގެން ދާ ނަމަ ކ. ތުލުސްދޫގައި ތިބި ޑީއާރުޕީ މެންބަރުންގެ ހިޔާލާއި ފިކުރު ބަދަލުކުރަން ޖެހިދާނެ ކަމަށް ބުނެފި އެވެ.

ޑީއާރުޕީގެ ލީޑާޝިޕްގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކޮށްދެއްވުމަށް ޑީއާރުޕީގެ ޒައީމު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ކިބައިން އެދޭކަމަށް ބުނެ ޑީއާރުޕީގެ ތުލުސްދޫ ގޮފިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޑީއާރުޕީގެ އެތެރޭގައި މަސްލަހަތު ގެއްލި މެންބަރުންތަކެއް ޕާޓީން ވަކިވެގެން ދިއުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލް ކުރަން ޖެހޭ ބަޔަކީ ރާއްޖެ ތެރޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ކަމަށެވެ.

"ޑީއާރުޕީގެ ޒައީމަކީ 30 އަހަރު ރައްޔިތުން ގޮވައިގެން އުފާ ފާގަތިކަމާ އެކު ރާއްޖޭގެ ތަރައްގީއަށް ޓަކައި ގުނާ އަދަދު ނުކުރެވޭ ވަރުގެ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރަކަށްވީ ހިނދު އަދި މަނިކުފާނަކީ ޑިމޮކްރަސީ އަށް ލޯބިކުރައްވާ އަދި ޑިމޮކްރަސީ ރާއްޖެ އަށް ގެނެސްދެއްވި ބޭފުޅާގެ ހައިސިއްޔަތުން ޑިމޮކްރަސީއާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ މަސްލަހަތު ގެއްލިގެން ނުދާނެ ގޮތެއް ހޯއްދަވާ ލީޑާޝިޕްގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކޮށްދެއްވުމަށް ޑީއާރުޕީ ތުލުސްދޫ ގޮފީގެ ފަރާތުން ވަރަށް އާދޭހާ އެކު ދަންނަވަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ނޫސް ބަޔާނުގައި ޕާޓީގެ ކުރިމަގަށް ޓަކައި ޕާޓީގެ މެންބަރުންނާއި ރައްޔިތުން މާޔޫސްވެފައިވާ މި ދަނޑިވަޅުގައި، އުފެދިފައިވާ މައްސަލައިގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި ނޭޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މާޒީވެ ދިޔަ ދުވަސްތައް ހަނދާން ނައްތާލައި ރައްޔިތުންގެ އިހްސާތައް ދެނެގަނެ އަދި އަޅުގަނޑުމެން ރައްޔިތުންގެ އާދޭހަށް ޓަކައި ވެސް ޑީއާރުޕީގެ އެތެރޭގެ މަސްލަހަތު، މިހާރުން މިހާރަށް ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށް ހައްލު ކޮށްދެއްވައި ކުރިއެކޭ އެއްގޮތަށް ޕާޓީ ކުރިއަށް ގެންގޮސް ދެއްވުމަށް ޕާޓީގެ ޒައީމު އާއި ލީޑަރުގެ އަރިހުން އާދޭހާ އެކު ދަންނަވަމެވެ." ޑީއާރުޕީގެ ތުލުސްދޫ ގޮފީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.