26 Aug 2016, 19:58
ސްރީލަންކާގައި ހުރި ތައުލީމީ ފުރުސަތު އަންގައިދިނުމުގެ ގޮތުން ބާއްވާ "ސްރީލަންކަން އެޑިއުކޭޝަން ފެއާ" މިއަދު ހުޅުވައިފި އެވެ. މިއީ އެ ފެއާ ރާއްޖޭގައި ކުރިއަށް ގެންދާ ހަ ވަނަ ފަހަރެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފެއާ ހުޅުވާފައިވަނީ ނެޝަނަލް އާޓް ގެލެރީގަ އެވެ. އެ ފެއާގައި ސްރީލަންކާގައި ކިޔަވައިދޭ ބައިނަލްއަގްވާމީ ކޮލެޖްތަކާއި ޔުނިވަސިޓީތައް ބައިވެރިކޮށްފައިވެ އެވެ. ފެއާ ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މި ފެއާގައި ލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ 16 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ފައިނޭންސްގެ ދާއިރާއިންނާއި އެކައުންޓިންނާއި އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާގެ އިތުރުން ބިސްނަސްގެ ދާއިރާއިން މަތީ ތައުލީމުގެ ހިދުމަތް ދޭ ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނެ އެވެ.
"ސްރީލަންކާ އެޑިއުކޭޝަން ފެއާ" ހުޅުވައިދެއްވުމުގެ ގޮތުން ޑރ. ހަލީލު މިއަދު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އާޓް ގެލެރީގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އެ ފެއާ ހުޅުވައިދެއްވީ ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ހަލީލު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ފެއާގެ ރާއްޖޭގެ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފެއާއަކީ މަދުން ނޫނީ ރާއްޖޭގައި ބާއްވާ ފެއާތަކެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ ފެއާތަކުގެ ބޭނުން ހެޔޮ ގޮތުގައި ޒުވާނުން ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ސްރީލަންކާ އެޑިއުކޭޝަން ފެއާ" ހުޅުވައިދެއްވުމަށްފަހު ޑރ. ހަލީލު ބައްލަވާލައްވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"އެހެންވީމަ މި ފުރުސަތުތަކުގެ ބޭނުން ހާއްސަކޮށް ޒުވާނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން،" ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ "ސްރީލަންކާ އެޑިއުކޭޝަން" ފެއާއިން ދޭހަވެގެން ދަނީ ރާއްޖެއާ ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުން ކަމަށެވެ. އަދި ލަންކާއަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތެރިކަން ދެމުން އަންނަ ގައުމެއް ކަމަށް އޭނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ސްރީލަންކަން އެޑިއުކޭޝަން ފެއާއަކީ ލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑާއި ރާއްޖޭގައި ހުންނަ ސްރީލަންކާ ހައި ކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ ފެއާއެކެވެ.