އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ފަރަގު ބޮޑުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ތިން ވަނަ ބުރުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި ކުޅުނު 15 މެޗުން ލިބުނު 34 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ނިއު އޮތީ ކުޅުނު 15 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް 15 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 15 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ، ނިއުގެ ކީޕަރު ޔުން ކޮޗީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާގެ އަލީ އަޝްފާގު (ދަގަނޑޭ)އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެންދިޔަ އެވެ. ދަގަނޑޭ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ފޮނުވާލި ހަމަލާ އަމާޒުވީ ނިއުގެ ކީޕަރު ކޮޗީއާ ދިމާލަށެވެ. މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާގެ އުމައިރު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ އުފެއްދި ހަމަލާ ނިއުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑަކީ މާޒިޔާގެ އުމައިރު ނަގައިދިން ހުރަހަކުން ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ހޮކޭގެ ފައިގައި ޖެހިފައި އެ ބޯޅަ އަމާޒުވީ ނިއު ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަދިސް ސަހީލީ އުފެއްދި ހަމަލާ، ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން ވެސް އޭނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސަހީލީ އުފެއްދި އެ ހަމަލާ، ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ގައިގައި ޖެހިފައި ވަނީ ބްލޮކްވެފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ނިއު އަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު މުސްލިހު އަށް ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ދަގަނޑޭ ނަގައިދިން ހުރަހަކުން މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނާޝިދު (ނައްޓޭ) އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނައްޓޭ އަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.