26 Aug 2016, 19:30
ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު އަންނަ ހޯމަ ދުވަހު ކުޅޭ މެޗުގެ ޓިކެޓްތައް ވިއްކަން ފަށައިފި އެވެ.
މިއަދުން ހަވީރު 4:00 ގައުމީ ފުޓްބޯޅަ ދަނޑުންނާއި ސޯޝަލް ސެންޓަރުން އެ މެޗުގެ ޓިކެޓްތައް ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓް ވިއްކަން ފެށި ވަގުތު ވިއްސާރަ ވެހެމުންދިޔަ ނަމަވެސް، ބައެއް މީހުން ވާރެއާ ތެމިގެން ވެސް ޓިކެޓް ގަތުމަށް ޖަމާވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިއަދު ހަވީރުން ފެށިގެން އިރުއޮއްސި 6:00 އަށް ޓިކެޓް ވިއްކާ އިރު، މިރޭ 8:00 އިން ފެށިގެން 10:00އާ ހަމައަށް ގައުމީ ފުޓްބޯޅަ ދަނޑުންނާއި ސޯޝަލް ސެންޓަރުން ޓިކެޓް ލިބެން ހުންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ. ސިޑިބަރިން 50 ރުފިޔާ އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، ގޮނޑިބަރިން ޓިކެޓެއް ލިބެން ހުންނާނީ 100 ރުފިޔާ އަށެވެ. އަދި ވީއައިޕީން ޓިކެޓެއް ލިބެން ހުންނާނީ 150 ރުފިޔާއަށް ކަމަށް އެފްއޭއެމުން ބުނެ އެވެ.
މިއަދުގެ އިތުރުން މާދަމާ އާއި، އާދީއްތަ ދުވަހު އަދި ހޯމަ ދުވަހު ވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އާއި އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، އެ ދެ ދުވަހުގެ ރޭ 8:00 އިން ފެށިގެން 10:00 އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ގައުމީ ފުޓްބޯޅަ ދަނޑުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެއަށް ހޯދައިދިން ޓީމު ނުވަތަ ގޯލްޑް ޓީމުގެ ގޮތުން މަޝްހޫރުވެފައިވާ ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައެވެ.
ގޯލްޑް ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަ މެހެމާނުންގެ ގޮތުން އެފްއޭއެމުން ދެ ލެޖެންޑެއް ގެނައުމަށް ހަމަޖެހިފައިވެ އެވެ. އެއީ ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭޒާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ އަޔާލާ އެވެ. އޭގެ ތެރެއިން އަޔާލާ ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެ އައިސްފަ އެވެ.