26 Aug 2016, 11:04
ދެހާހުގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުގަ ރަސްކަން ކުރި ބޮބީ ޑިއޯލް ފިލްމަކުން ނުފެންނަތާ މިހާރު ގިނަ އަހަރުތަކެއް މިވަނީ ވެފަ އެވެ. ނަމަވެސް ކުއްލިއަކަށް އޭނާ މިވަނީ ޓުވިޓާ އަދި އެހެންވެސް ސޯޝަލް މީޑިއާ ތަކުގައި އެންމެ ގިނަ ބަޔަކު އެ މީހެއްގެ ވާހަކަ ދައްކަމުން އަންނަ ފަންނާނުގެ ލަގަބު ހޯދައިފަ އެވެ.
ފިލްމު ކުޅުމާ ދުރަށް ޖެހިލުމަށް ފަހު ބޮބީ ވަނީ މިއުޒިކް އާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. އެގޮތުން ބޮބީ ވަނީ ޑީޖޭ އެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
އެގޮތުން ދާދި ފަހުން ނިއު ދިއްލީގެ މަޝްހޫރު ނައިޓް ކްލަބެއްގައި ހުށަހެޅުމަށް ބޮބީ އަށް ވަނީ ދައުވަތު ދީފަ އެވެ. ލިބުނު ފުރުސަތުގައި ބޮބީ ކުޅެފައި ވަނީ 1997 ވަނަ އަހަރު ނުކުތް އޭނާގެ ހިޓް ފިލްމު "ގުޕްތު"ގެ ލަވަ ތަކެވެ.
"ގުޕްތު" އަކީ އެތައް ބަޔަކަށް އަދިވެސް ކަމުދާ ފިލްމެކެވެ. އަދި އެއީ ބޮބީ އަށް ވެސް އެންމެ ކަމުދާ ފިލްމު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ފިލްމު ރީތިވެފައި ފިލްމުގެ މިއުޒިކް ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް، ނައިޓް ކުލަބުގައި "ޑީޖޭ ބޮބީ ޑިއޯލް" ހުށަހެޅި ލަވަތައް، ނައިޓު ކުލަބަށް ގޮސް ތިބި މީހުންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ.
ހަބަރުތައް ބުނާ ގޮތުން، މުޅި ރޭ ނިމެންދެން ވެސް ނައިޓް ކުލަބުގައި ޖަހާފައި ހުރީ ފިލްމުގެ ލަވަތަކެވެ. އެއްވެސް ކަހަލަ މިކްސިން އެއް ނެތް ކަމަށްވެ އެވެ.
"ޑީޖޭ ބޮބީ" ގެ މޮޅު ހުށަހެޅުމެއް ބަލައިލުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު ވަނީ އެ ރޭގެ ޝޯވ އަށް ޓިކެޓު ގަނެފަ އެވެ. އަދި ޝޯވ ފެށުމުގެ ކުރިން މުޅި ޝޯވ ގެ ޓިކެޓު ވަނީ ވިކި ހުސްވެފަ އެވެ.
ނަމަވެސް ބޮބީގެ "ހުށަހެޅުމާ" މެދު ހިތްހަމަނުޖެހިފައި ތިބި މީހުން މިހާރު އަންނަނީ ޓިކެޓު ގަތް ފައިސާ އަނބުރާ ދިނުމަށް ނައިޓް ކުލަބުގެ މެނޭޖަރު ގާތުގައި އެދެމުންނެވެ.
އެ ރެއަށް ޓިކެޓު ވިއްކާފައި ވަނީ 2000 ރުޕީޒް އާއި 4000 ރުޕީޒް އާ ދެމެދުގެ އަގަކަށެވެ.
މީހުން ރުޅިގަދަވެ މެނޭޖަރު ގާތަށް ދިޔަ އިރު، ބޮބީ ވަނީ ކްލަބު ދޫކޮށް ގޮސްފަ އެވެ. މިހާރު ގިނަ ބަޔަކު އަންނަނީ ބޮބީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.