އެމެރިކާގެ ފޯބްސް މަޖައްލާ އިން ހޮވާ ދުނިޔޭގެ އެންމެ އަގުބޮޑު ދިހަ އެކްޓަރުންގެ ލިސްޓުގައި ބޮލީވުޑުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހު ރުކް ޚާން އަދި އަކްޝޭ ކުމާރު ހިމެނިއްޖެ އެވެ.

ބޮލީވުޑް އެކްޓަރުންގެ ތެރެއިން އަހަރެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރަކީ ޝާހު ރުކް ޚާން އެވެ. ޝާހު އަށް އަހަރެއްގެ މައްޗަށް 33 މިލިއަން އެމެރިކާ ޑޮލަރު ލިބޭ އިރު، ޝާހު އަށް ލިބެނީ އެންމެ އަގުބޮޑު ފިރިހެން އެކްޓަރުންގެ ލިސްޓުގެ އަށް ވަނަ އެވެ.

އެންމެ އަގުބޮޑު ދިހަ އެކްޓަރުންގެ ތެރޭގައި ދެން ހިމެނެނީ އަކްޝޭ އެވެ. އަކްޝޭ އަށް އަހަރެއްގެ މައްޗަށް 31.5 މިލިއަން ޑޮލަރު ލިބެ އެވެ. އަކްޝޭ އަށް ލިބިފައި ވަނީ ލިސްޓުގެ 10 ވަނަ އެވެ.

ޝާހު އަދި އަކްޝޭގެ އިތުރުން، އެ ލިސްޓުގެ ގަދަ 10 އެއްގައި ސަލްމާން ޚާން އަދި އަމީތާބް ބައްޗަން ވެސް ވަނީ ހިމެނިފަ އެވެ. ސަލްމާނަށް އަހަރެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ލިބޭ އިރު އޭނާ އަށް ލިބެނީ ލިސްޓުގެ 14 ވަނަ އެވެ. އަމީތާބަށް ލިބެނީ ލިސްޓުގެ 18 ވަނަ އެވެ. އަމީތާބަށް އަހަރެއްގެ މައްޗަށް ލިބެނީ 20 މިލިއަން ޑޮލަރެވެ.

ލިސްޓުގެ އެއްވަނަ ހޯދާފައި ވަނީ 64.5 މިލިއަން ޑޮލަރާއި އެކު "ދަ ރޮކް" އެވެ.

ފޯބްސް އިން ވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން ފަންނާނުންގެ ލިސްޓު ވެސް އާންމުކޮށްފަ އެވެ. ދީޕިކާ ޕަދުކޯން ވަނީ އެ ލިސްޓުގެ 10 ވަނައިގައި ހިމެނިފަ އެވެ.

އެ ލިސްޓަކީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، ފަންނާނުނަށް ލިބިފައިވާ އާމްދަނީ އަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. އަދި އެ ލިސްޓުގައި ހިމަނާފައިވާ އާމްދަނީ އަކީ ޓެކްސް އާއި އެހެންވެސް ހަރަދު ތަކަށް ކަނޑަން ޖެހޭ މިންވަރު ނުކަނޑަ އެވެ.