ވަތަނިއްޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު އެމްއެންބީސީގެ ކުރީގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ހަލީލު އައްޔަންކުރިކަން އެ ކުންފުނިން އިއުލާން ކުރިތާ ތިން މަސްވީއިރުވެސް ހަލީލު އެ ވަޒީފާއަށް ނުނުކުންނަވާއިރު، އެ މަގާމު ވަގުތީ ގޮތުން އެހެން ބޭފުޅަކާ ހަވާލުކޮށްފި އެވެ.

މާޗް މަހުން ފެށިގެން ވަތަނިއްޔާގެ ސީއީއޯކަމާ ހަލީލު ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެކުންފުނިން އިއުލާންކޮށްފައިވާ ނަމަވެސް އެ ތާރީހުގައި ވަޒީފާ އަށް ނުނިކުންނަވާތީ ވަތަނިއްޔާއިން އޭރު ބުނީ ހަލީލު އޭރު ހުންނެވީ ޗުއްޓީއެއްގައި ކަމަށާއި މާޗް މަހުގެ މެދެއްހާ ތާންގައި އޮފީހަށް ނިކުންނަވާނެ ކަމަށެވެ. ނަމަވެސް މާޗު މަސް ނިމި، އެފަހުން ދެ މަސް ފާއިތުވެގެން ދިޔައިރުސް ހަލީލް އަދިވެސް އޮފީހަކަށް ނިކުމެވަޑައެއް ނުގަންނަވަ އެވެ.

ަނަމަވެސް، ހަލީލް އޮފީހަށް ނުނުކުންނަވާ ސަބަބެއް އެކުންފުނިން ވެސް ނުބުނެ އެވެ.

ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ އިއްޔެ ވިދާޅުވީ، އެމަގާމާ ގުޅޭ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ކިއުޓެލް އިން ހަލީލު އެ މަގާމުން ވަކި ކުރިކަން ނުވަތަ ނޫންކަންވެސް އަންގާފައި ނުވާކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ކިއު ޓެލް އިންވެސް ވަކި އެއްޗެއް ނާންގަވާ. ހަމަ ކުރިން އެންގި އެންގުން އޮތީ. އެހެންވީމާ އެހެން އެންގުމެއް ނާންގަންޏާ ހަމަ އެގޮތަށް އޮންނާނީ،" މީޑިޔާގައި ވަތަނިއްޔާ ތަމްސީލްކުރައްވާ ޒަމްރާ ވިދާޅުވި އެވެ.

ރާއްޖޭގައި ދެވަނައަށް މުވާސަލަތީ ހިދުމަތް ފުޅާދާއިރާއެއްގައި ދޭންފެށި ބައިނަލްއަގުވާމީ ކުންފުނި ވަތަނިއްޔާ ހިންގެވުމާއި މިހާރު ހަވާލުވެގެން ހުންނެވީ އެކްޓިން ސީއީއޯ އަކަށް ވަރަށް ފަހުން ހަމަޖެއްސި ނިއުޒިލެންޑްގެ ރައްޔިތެއްކަމައްވާ ސްޓީވަން ސްމިތު ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ؛ "ސީދާ ކިއުޓެލް އިން އެބޭފުޅާ އެމަގާމަށް އައްޔަން ކުރެއްވީ،"

ސަން އަށް އެގިފައިވާ ގޮތުގައި ހަލީލް ވަނީ ދެފަހަރެއްގެ މަތިން ކުވޭތުގައި ހުންނަ ކިއުޓެލްގެ ހެޑް އޮފީހަށް އިންޓަވިއުތަކަކަށް ވަޑައިގެންފަ އެވެ. އެންމެ ފަހުގެ އިންޓަވިއުއަށް ހަލީލް ކުވައިތަށް ވަޑައިގެންފައި ވަނީ މި މަހުގެ ކުރީ ކޮޅުގަ އެވެ. ނަމަވެސް ކިއުޓެލްގެ އިންޓަވިއުތަކުން ހަލީލް ފާސްވެފައި ނުވަނީ ކިއުޓެލްއިން ކަނޑައަޅާ ބައެއް ޝަރުތުތަށް ފުރިހަމަ ނުވާތީ ކަމަށް ވެސް ސަން އަށް ވަނީ އެނގިފައިވެ އެވެ.

ހަލީލްއަށް ތަކުރާރުކޮށް ގުޅުމުންވެސް އޭނާ ފޯނަށް ޖަވާބުނުދެއްވާތީ ހަލީލް ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ. ކިއުޓެލްގެ ބަހެއް ހޯދަން މިހާތަނަށް ކުރި މަސައްކަތް ވަނީ އަދި ކާމިޔާބުވާގޮތް ނުވެފަ އެވެ.

ހަލީލްގެ ވަޒީފާ އާ މެދު ސުވާލުއުފެދޭއިރު ރާއްޖޭގައި ފުރަތަމަ ޕްރައިވެޓް ބްރޮޑްކާސްޓާ، ދިއެފްއެމްގައި ހިއްސާވާ ހަލީލް މިހާރު ގިނަ ވަގުތުތަށް ހޭދަކުރައްވަނީ ދިއެފްއެމްގަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުދެންނެވުމުން ދިއެފްއެމްގެ ޑެޕިއުޓީ ސީއީއޯ މުހަންމަދު ޖިނާހު މިއަދު ވިދާޅުވީ، ހަލީލަކީ އަބަދުވެސް ދިއެފްއެމްގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ކަމަށާއި އޭނާ ދިއެފްއެމްގައި އަމަލީކޮށް މަސައްކަތްނުކުރައްވާ ކަމަށެވެ.

"އޭނާ އަކީ ސްލީޕިން ޕާޓްނާއެއް. ކުރިން އެމްއެންބީސީގައި އުޅުނީއިރު މިކޮޅަށް ވަޑައިނުގަންނަވަނީ މަސްލަހަތު އޮތީމައި. މިހާރުގައި އެކޮޅުގައި ނޫޅުއްވާތީ މި ކޮޅަށް ވަޑާއިގެން އުޅުއްވާ. އެކަމަކު އެއީ ވަޒީފާގެ ގޮތަކުން ނޫން. އަދި މިތާ މަސައްކަތެއްވެސް ނުކުރައްވާ. މިކޮޅުގައި ހިއްސާދާރުންގެ ތެރެއިން ވޯކް ކުރައްވާނީ އެއްބޭފުޅެއް،" ޖިނާހު ވިދާޅުވި އެވެ.

ވަތަނިއްޔާގެ ސީއީއޯގެ މަގާމާ ހަވާލުވެވަވަޑައިގަތުމަށް އެމްއެންބީސީން ހަލީލް ވަކިވެވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.