26 Aug 2016, 10:50
ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ބާސެލޯނާގެ ޗިލީ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ، އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.
ސިޓީ އަށް ބްރާވޯ ސޮއިކޮށްފައި ވަނީ 13.75 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ އަށް ހަފްތާއަކު ސިޓީން އެއް ލައްކަ ޕައުންޑް ލިބޭނެ އެވެ. އެއީ ބާސާގައި ހޭދަކުރި ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ބްރާވޯ އަށް ލިބުނު މުސާރައަށް ވުރެ، ދެ ގުނަ ބޮޑު މުސާރައެކެވެ.
ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވުމަށްފަހު ގިނަ މަސައްކަތްކަކާއެކު ހޯދި އުމުރުން 33 އަހަރުގެ ބްރާވޯ، އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން ފެނުން ގާތެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސިޓީގެ ޓީމު ލިސްޓުގައި ވެސް ބްރާވޯގެ ނަން ހިމެނުމުގެ ފުރުސަތު އެ ކްލަބަށް ލިބިގެންދާނެ އެވެ.
ބާސާގައި ބްރާވޯ ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ކްލަބާ އެކު އޭނާ ވަނީ ދެ ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބާސާ އިން ހޯދި އިރު، އެ ޓީމުގައި ބްރާވޯ ހިމެނިފައެއް ނުވެ އެވެ. އެ ފަހަރު ޔޫއެފާގައި ރަޖިސްޓަރީ ކުރި ބާސާގެ ޓީމު ލިސްޓުގައި އޭނާގެ ނަން ހިމެނިފައެއް ނުވެ އެވެ.
ސިޓީއާ ބްރާވޯ ގުޅުމާއެކު އިނގިރޭސި ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ޖޯ ހާޓްގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.