26 Aug 2016, 10:27
ފްރާންސްގެ ގައުމީ ޓީމު ސްކޮޑުން ޕެޓްރީޝް އެވްރާ ބާކީކޮށްފި އެވެ.
އަންނަ މަހު އިޓަލީ އާއި ބެލާރަސްއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުތަކަށް ކޯޗު ޑިޑިއާ ޑިޝޯމްޕްސް ނެގި ސްކޮޑުން އެވްރާ ބާކީކުރި އިރު، އޭނާ އަކީ އަމިއްލަ ގައުމުގައި މި އަހަރު ކުރިއަށްދިޔަ ޔޫރޯގައި އެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.
އުމުރުން 35 އަހަރުގެ ޑިފެންޑަރު ފްރާންސްގެ ސްކޮޑުން ބާކީކޮށް، ޑިޝޯމްޕްސް ވަނީ ބައެއް ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ. އެވްރާ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 80 މެޗު ކުޅެފަ އެވެ.
"އެވްރާ އަކީ ފެންވަރު ރަނގަޅު ކުޅުންތެރިއެއް. އެކަމަކު އަހަރެން ބޭނުން ދެ އަހަރު ފަހުން ބާއްވާ ވޯލްޑް ކަޕަށް ޓީމު ތައްޔާރުކުރަން،" ފްރާންސްގެ ކޯޗު ޑިޝޯމްޕްސް ބުންޏެވެ.
އަނިޔާގެ ސަބަބުން ފްރާންސްގެ އެއް ނަންބަރު ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އާއި ކިންގްސްލީ ކޯމަން ފްރާންސްގެ ސްކޮޑަށް ނުނެގި އިރު، ފިޓްނަސް މައްސަލަތަކާ ގުޅިގެން ބަކާރީ ސަންޔާ އާއި ކްރިސްޓޮފް ޖެލެޓް ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.
މި ފެށޭ މަހުގެ އެއްވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި އިޓަލީއާ ދެކޮޅަށް ފްރާންސް ނުކުންނަ އިރު، އޭގެ ފަސް ދުވަސް ފަހުން ވޯލްޑް ކަޕް 2018ގެ ކޮލިފައިންގައި ބެލާރަސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
އެ މެޗުތަކަށް ނެގި ފްރާންސްގެ ސްކޮޑު:
ގޯލްކީޕަރުން– ސްޓީވް މަންޑަންޑާ (ކްރިސްޓަލް ޕެލަސް)، އަލްފޮންސޭ އަރެއޯލާ (ޕީއެސްޖީ)، ބެނޮއިޓް ކޮސްޓިލް (ރެނޭސް).
ޑިފެންޑަރުން– ލޯރެންޓް ކޮޝިއެލްނީ (އާސެނަލް)، އަދިލް ރަމީ (ސެވިއްޔާ)، ރަފައެލް ވަރާން (ރެއާލް މެޑްރިޑް)، ލޫކަސް ޑިގްނޭ (ބާސެލޯނާ)، ސަމުއެލް އުމްޓިޓީ (ބާސެލޯނާ)، ލޭވިން ކުރްޒާވާ (ޕީއެސްޖީ)، ސެބަސްޓިއެން ކޯޗިއާ (ލިލް)، ޖިބްރީލް ސިޑިބޭ (މޮނާކޯ).
މިޑްފީލްޑަރުން– ބްލައިސް މަޓުއިޑީ (ޕީއެސްޖީ)، ޔޯހާން ކަބާޔޭ (ކްރިސްޓަލް ޕެލަސް)، މޫސާ ސިސޯކޯ (ނިއުކާސަލް ޔުނައިޓެޑް)، ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް)، ޑިމިޓްރީ ޕަޔެޓް (ވެސްޓް ހާމް ޔުނައިޓެޑް)، އެންގޯލޯ ކަންޓޭ (ޗެލްސީ).
ފޯވަޑުން– އޮލިވިއާ ޖިރޫ (އާސެނަލް)، އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް)، އަންދްރޭ ޕިއާ ގިގްނާކް (ޔޫއޭއެންއެލް)، އެންތޮނީ މާޝިއަލް (މެންޗެސްޓާ ޔުނައިޓެޑް)، އަލެކްސެންޑާ ލަކަޒެޓޭ (ލިޔޯން)، ނާބިލް ފެކީރް (ލިޔޯން).