26 Aug 2016, 07:30
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދ. އަތޮޅުގެ ފައިނަލްގައި އެ އަތޮޅު މީދުއާ ދެކޮޅަށް ކުޑަހުވަދޫ ނިކުންނަން ޖެހިއްޖެއެވެ.
އެ ގްރޫޕްގައި އެއްވަނަ ޓީމްގެ ގޮތުގައި ކުޑަހުވަދޫ ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނަ ޓީމްގެ ގޮތުގައި މީދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަ ޕޮއިންޓާ އެކުއެވެ. އެ ދެ ޓީމްގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނޭ ރިނބިދޫ އާއި ހުޅުދެލި ގުރޫޕްގެ ފަހު މެޗުގައި މިއަދު ވާދަކުރާން ހަމަޖެހިފައިވާ އިރު އެ ދެ ޓީމު ވެސް ވަނީ މުބާރާތުން ކަޓައިފައެވެ.
ކުޑަހުވަދޫ ޓީމް ގްރޫޕްގެ އެއްވަނަ ހޯދީ، އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާ އަކުން ހުޅުދެލި ބަލިކޮށް، ދެވަނަ މެޗުގައި 2-2ގެ ނަތީޖާ އަކުން ރިނބިދޫ އާ އެއްވަރު ކޮށް، ފަހު މެޗުގައި 2-0ގެ ނަތީޖާ އަކުން މީދޫ ބަލިކޮށްގެންނެވެ.
ދެވަނަ ޓީމްގެ ގޮތުގައި ފައިނަލަށް ދަތުރުކުރި މީދޫ، ފަހު މެޗުގައި ކުޑަހުވަދޫ އަތުން ބަލިވި ނަމަވެސް އެ ޓީމް ކުޅުނު އަނެއް ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ މެޗު 3-1ގެ ނަތީޖާ އަކުން ރިނބިދޫ ބަލިކޮށް އަދި ދެވަނަ މެޗުގައި 4-0ގެ ނަތީޖާ އަކުން ހުޅުދެލި ބަލިކޮށްގެންނެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ދ. އަތޮޅުގެ ޗެމްޕިއަނުން ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގެ ޒޯން ފަހެއްގައި ވ. ފުލިދޫ އާއެވެ. އެ ދެ ޓީމްގެ އިތުރުން ޒޯން ފަހަކަށް ދެން ދަތުރު ކުރާނީ މ. އަތޮޅުގެ ޗެމްޕިއަނުންނެވެ.