26 Aug 2016, 01:48
އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ސްޕޯޓް ފްރެންޒީ ކުއިޒްގައި ފާއިތުވި މަހުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ބައިވެރިޔާ އަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް މިއަދު ހަވާލުކޮށްފިއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ކުރިޔަށްދާ އެ މުބާރާތުގައި، 400،000 ރ. ގެ އަގުހުރި އިނާމުތަކެއް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެންދާއިރު، އެ މުބާރާތް މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ކުރިއަށްދާނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ އެ ކުއިޒުން ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ބައިވެރިންނަށް، 500 އެމްބީގެ ޑޭޓާ ލިބެއެވެ. އަދި ކޮންމެ ހަޕްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ނަސީބުވެރިންނަށް އައިފޯން އެސްސީ ލިބިގެންދާއިރު އުރީދޫ އިން ބުނީ އަށް ބޭފުޅަކަށް މިހާތަނަށް ވަނީ އައިފޯނު އިނާމެއްގެ ގޮތުގައި ދީފައި ކަމަށެވެ.
އެގޮތުން މުޅި ޕްރޮމޯޝަން ތެރޭގައި 24 ބޭފުޅުންނަށް ފޯނު ލިބިގެންދާނެ ކަމަށާއި ތިންމަސް ދުވަހަށް ކުރިއަށްދާ އެ ކުއިޒްގައި މި މަހާއި އެއްފަދައިން ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިޔާއަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް ލިބޭނެކަމަށް އުރީދޫ އިން ބުންޏެވެ.
"ސްޕޯޓް ފްރެންޒީ އިން ކޮންމެ މަހަކު ހުށައަޅާ އިނާމު ހައްޤުވި ބައިވެރިޔާއަށް މަރުޙަބާ ދަންނަވަން. އުރީދޫގެ ކަސްޓަމަރުންގެ ފަރާތުން މި ކުއިޒްއަށް ހޫނު ތަރުހީބެއް ލިބިފައިވުމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިގޮތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކަމުދާ، އަދި ފައިދާކުރާނެ ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނެ." އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
އަގުހުރި އިނާމުތަކެއް ލިބިގެންދާ އެ ކުއިޒްގައި ބައިވެރިވުމަށް، ކަސްޓަމަރުން 4242 އަށް ‘GO’ ޖަހާފައި އެސްއެމްއެސް އެއް ފޮނުވުމުން ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.
ސްޕޯޓް ޕްރެންޒީ އާއިބެހޭ އިތުރު މައުލޫމާތު ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރުމުން ލިބޭނެ ކަމަށާއި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް އެ މައުލޫމާތު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.