ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބްގެ ޕޯޗުގަލް ގޯލްކީޕަރު އިނގިރޭސި ކްލަބު ޗެލްސީއާ ގުޅިއްޖެ އެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްގެ ގައުމީ ޓީމުން ކާމިޔާބުކުރި އިރު، އެ ޓީމުގައި ހިމެނުނު ގޯލްކީޕަރު އެޑުއާޑޯ ޗެލްސީ އަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޗެލްސީގައި އެޑުއާޑޯ މަސައްކަތްކުރާނީ އެ ކްލަބުގެ އެއް ނަންބަރު ކީޕަރު ތިބައުޓް ކޯޓުވާ އާއި ބޮސްނިއާ ގޯލްކީޕަރު އަސްމާރް ބެގޮވިޗްއާ އެކު އެވެ.

"ޕްރިމިއާ ލީގަށް އާދެވުމުން އުފާކުރަން. އަދި ޗެލްސީ ފަދަ ބޮޑު ކްލަބަކާ ގުޅުމަށް ނިންމަން ޖެހުނު ނިންމުމަކީ ފަސޭހަ ނިންމުމެއް. އަހަރެން ދެކޭގޮތުގައި ޕްރިމިއާ ލީގަކީ އެންމެ ވަރުގަދަ އަދި އެންމެ ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ ލީގު،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އުމުރުން 33 އަހަރުގެ އެޑުއާޑޯ ބުންޏެވެ.

އެޑުއާޑޯ ވަނީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފަ އެވެ.