31 May 2011, 15:43
މީގެ ކުރިން އިޒްރޭލުން ރާއްޖެއަށް އުދުހުމުގެ ހުއްދައަށް އެދުނު ސަން ޑިއޯ އެއާލައިންގެ ހުއްދަ އިޒްރޭލުގެ ސިވިލޭވިއޭޝަނުން ބާތިލް ކުރުމުން އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއާލް"އަށް ރާއްޖެ އަށް އުދުހުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސިވިލޭވިއޭޝަނުން ބުނެފި އެވެ.
ސިވިލޭއޭޝަން ޑިޕާޓްމަންޓުން ވާހަކަ ދެއްކެވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސެއިން ޖަލީލް މިއަދު ވިދާޅުވީ އިޒްރޭލްގެ ގައުމީ އެއާލައިން އެލްއާލް އިން ރާއްޖެ އަށް ޗާޓަރު ދަތުރުތައް ކުރުމުގެ ހުއްދަ އަށް އެދިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ.
"ސަންޑިއޯގެ ބަދަލުގައި އެ އާލައިން )ރާއްޖެއަށް( އުދުހުމަށް އެދި ހުށަހަޅާފައި ވަނީ،" ޖަލީލް ވިދާޅުވި އެވެ.
އިޒްރޭލުގެ ގައުމީ އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ކުރަން ހުށަހަޅާފައި ވަނީ އިޒްރޭލްގެ ވިޔަފާރީގެ މައި މަރުކަޒު ތެލްއަވީވާއި މާލެއާ ދެމެދުކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
އިޒްރޭލުގެ ގައުމީ އެއާލައިން އިން ރާއްޖެއަށް އުދުހުމުގެ ހުއްދަ އަށް އެދުނީ މީގެ ކުރިން އިޒްރޭލުގެ ގައުމީ އެއާލައިންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށް ސަން ޑިއޯ އެއާލައިން އިން ރާއްޖެއަށް އުދުހުމުގެ ހުއްދަ އަށް އެދިފައިވަނިކޮށް އެ އާލައިންގެ ހުއްދަ ބާތިލް ކޮށްފައިވަނިކޮށެވެ.
ސަން ޑިއޯގެ ހުއްދަ ބާތިލް ކުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް އެ އާލައިންއިން އޮޕަރޭޓް ކުރާތީ އެވެ.
އިޒްރޭލުން ރާއްޖެ އަށް ފްލައިޓްތައް އޮޕަރޭޓް ކުރަން މަސައްކަތް ކުރަން ފެށުމުން ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ ދީނީ ހިޔާލުގެ ޕާޓީ އަދާލަތުން ވަނީ އިޒްރޭލުގެ އެއާލައިން އަށް ރާއްޖެ އަށް އުދުހުމުގެ ހުއްދަދީފި ނަމަ ސަރުކާރުން ވަކިވާނެކަން އިއުލާންކޮށްފަ އެވެ.
އިސްލާމުންނާ ދެކޮޅަށް އިންސާނީ ޖަރީމާތައް ހިންގާ ގައުމެއްކަމަށް ނަން މަޝްހޫރު އިޒްރޭލުގެ ގައުމީ އެއާލައިން އިން މި އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ދަތުރުތައް ކުރުމަށް ކުއްލިގޮތަކަށް މި ހުށަހެޅީ ހާރިޖީ ވަޒީރު އަހުމަދު ނަސީމް އިޒްރޭލަށް ދަތުރުފުޅެއް ކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.