ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް، މާދަމާ ހަވީރުން ފެށިގެން ވިއްކަން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މާދަމާ އިން ފެށިގެން ޓިކެޓް ލިބެން ހުންނާނީ ސޯޝަލް ސެންޓަރުންނާއި ގައުމީ ފުޓްބޯޅަ ދަނޑުން ކަމަށް އެފްއޭއެމުން ބުނެއެވެ.

މާދަމާ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00އަށް ޓިކެޓް ވިއްކާ އިރު، މާދަމާ ރޭ 8:00 އިން ފެށިގެން 10:00 އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ސިޑިބަރިން 50 ރުފިޔާ އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، ގޮނޑިބަރިން ޓިކެޓެއް ލިބެން ހުންނާނީ 100 ރުފިޔާ އަށެވެ. އަދި ވީއައިޕީން ޓިކެޓެއް ލިބެން ހުންނާނީ 150 ރުފިޔާއަށް ކަމަށް އެފްއޭއެމުން ބުނެ އެވެ.

މާދަމާގެ އިތުރުން އަންނަ ހޮނިހިރު ދުވަހާއި، އާދީއްތަ ދުވަހު އަދި ހޯމަ ދުވަހު ވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، އެ ދެ ދުވަހުގެ ރޭ 8:00 އިން ފެށިގެން 10:00 އަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގައުމީ ފުޓްބޯޅަ ދަނޑުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެއަށް ހޯދައިދިން ޓީމު ނުވަތަ ގޯލްޑް ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައެވެ.

ގޯލްޑް ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަ މެހެމާނުންގެ ގޮތުން އެފްއޭއެމް އިން ދެ ލެޖެންޑެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭޒާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ އަޔާލާއެވެ.