ކޮންމެ ހަފްތާއަކު ހަތަރު މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށާއި ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މިންވަރަށްވުރެ އަތޮޅުތެރެ ހިޔާރު ކުރަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "ސަން"އަށް ވިދާޅުވީ، ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އާންމުންގެ އަސާސީ ބޭނުންތައް ހަމަޖެއްސަން ދިމާވާ ދަތިތަކަށް ކޮންމެ ވެސް ލުޔެއް ހޯދައިދިނުމަށް ކޮންމެ ހަފްތާއަކު ކޮންމެ ހަފްތާއަކު4,300,000.00 ޑޮލަރު ވިއްކަމުންދާ ކަމަށެވެ.

ޗުއްޓީތަކަށް ރާއްޖެއިން ބޭރަށް ދިއުން އާންމުވެފައިވާއިރު އެފައިސާތައް ރާއްޖޭގައި ބެހެއްޓުމަށާއި ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަ ކުރުމަށް ޗުއްޓީތަކުގައި އަތޮޅުތެރެއަށް ދަތުރުތައް ކުރުން މުހިންމު ކަމަށް މަންސޫރު ވިދާޅުވިއެވެ.

މިއަހަރު ހައްޖު ޖަމާއަތްތަކަށް 2،662،000 ޑޮލަރު ވިއްކި ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ހައްޖު ގްރޫޕްތަކުން ނަގުދު ފައިސާއިން ބޭނުންވާ އަދަދުގެ ބޮޑު ބައެއް ރައްކާތެރިކޮށް ލިބޭނޭ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން، ބީއެމްއެލް މެދުވެރިކޮށް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނޭ އިންތިޒާމް ހަމަޖައްސައި 1,619,814.45 ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

ހައްޖަށް ދާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކޮންމެ ހައްޖު ވެރިއަކަށް 500 ޑޮލަރުގެ ރޭޓުން 1,550,000.00 ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.

ހައްޖު މޫސުމާއި އީދު ބަންދާއެކު ޑޮލަރުގެ ކަޅު ބާޒާރު ބޮޑުވެ ޑޮލަރެއްގެ އަގު 17 ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެމްއެމްއޭއިން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ފުލުހުންނަށާއި ބޭންކްތަކަށް އަންގާފައެވެ.