25 Aug 2016, 22:04
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވާގޮތަށް، ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ، އެމަނިކުފާނުގެ ސަރުކާގެ އިސްވެރީންތަކަކަށް އެފައިސާ ދައުލަތަށް ދެއްކެވުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފައިސާ ދެއްކުމަށް ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް ބޭފުޅަކަށް ވަނީ އަންގާފައި ކަމަށެވެ.
އެ ބޭފުޅުންނަކީ:
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
- ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު
- ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
- ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
- ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން
- ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު
ފިނޭންސް މިނިސްޓްރީން ބުނީ އެބޭފުޅުން ދައްކަންޖެހިވަޑައިގަންނަވާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކަވައިފިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ދައުވާ ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެބޭފުޅުންގެ އިތުރުން ވެސް އޮޑިޓް ރިޕޯޓުތަކުގައި ދައުލަތަށް ފައިސާ ދައްކަންޖެހޭ ކަމަށް ބުނެފައިވާ ބޭފުޅުންގެ ފަރާތުން ވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.