25 Aug 2016, 18:53
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް ޓީސީން ކުރި ހޯދާފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އޮގަސްޓް 25، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއީ ޓިސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެ ނަތީޖާއާއެކު ލީގު ތާވަލަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ޓީސީ ކުޅުނު 15 މެޗުން ލިބުނު 27 ޕޮއިންޓް ލިބިފައިވާއިރު، 14 މެޗު ކުޅެފައިވާ ކްލަބު އީގަލްސްއަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި އީގަލްސް އޮތީ ގޯލުގެ ތަފާތުންނެވެ. މިއަދުގެ މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު 15 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.
މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަސަން ނާއިޒް (ދާދު) ފޮނުވާލި ހަމަލާ، ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފައެވެ.

އޮގަސްޓް 25، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއީ ޓިސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މެޗުގެ 17 ވަނަ މިނެޓުގައި ވެސް ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ދެ މިނެޓް ފަހުން ޓީސީގެ އަހްމަދު ނިޒާމް (ނިޒާމްބެ) އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ވެސް ނިޒާމްބެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޝަމްވީލް ގާސިމް (ބޮންޑާ) ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ނިޒާމްބެ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޮގަސްޓް 25، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއީ ޓިސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މެޗުގެ 39 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. ނިޒާމްބެ ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު މަހްމޫދު ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ޓީސީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އަހްމަދު ރިލްވާން އުފެއްދި އެހަމަލާ އަމާޒުވީ ކީޕަރު މަހްމޫދުއާ ދިމާލަށެވެ. އޭގެ ހަ މިނެޓު ފަހުން ޓީސީގެ ސެންޓޭއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޮގަސްޓް 25، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއީ ޓިސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މެޗުގެ 65 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔޫވީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މިދިޔަ އަހަރު ޓީސީން ފެނުނު ރަފީނާ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވެފައިވަނީ ޓީސީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ޔޫވީއަށް އިތުރު ލަނޑެއް ޖަހައި ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. މޫސާ ހަސަން ނަގައިދިން ހުރަހަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔޫވީގެ ވުކޮބްރާޓް ޑޯޑޭ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު މުހައްމަދު އިމްރާންއާ ދިމާލަށެވެ.

އޮގަސްޓް 25، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއީ ޓިސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މެޗުގެ 81 ވަނަ މިނެޓުގައި ޓީސީން ވަނީ އަލުން ލީޑު ހޯދައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެމެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ބީޖީ ސްޕޯޓްސްއެވެ.