އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ އާއި ނ. އަތޮޅުގެ ޗެމްޕިއަން ލަންދޫ ވާދަކުރާ ޒޯން ދޭއްގެ ކުޅުން މާދަމާ ފެށޭނެއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ ޒޯން ދޭއް ބުރުގެ ފުރަތަމަ ލެގު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ށ. މިލަންދޫގައެވެ. އަދި ނ. ލަންދޫގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ށ. އަތޮޅު ފައިނަލުގައި މިލަންދޫ އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ޒޯން ދޭއްގެ ފުރަތަމަ ލެގުގައި ނ. ލަންދޫއާ ދެކޮޅަށް މާދަމާ ހަވީރު އަމިއްލަ ދަނޑުގައި މިލަންދޫ ނުކުންނާނެ --- ފޮޓޯ: އެފްއޭއެމް

މިލަންދޫން ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ފޯކައިދޫ އަތުން 1-0 ލަނޑުން މޮޅުވެގެންނެވެ. އެ މުބާރާތުގެ އަތޮޅު ބުރުގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައި ވަނީ ށ. އަތޮޅުންނެވެ. އެގޮތުން އެ އަތޮޅުގެ ބައެއް ޓީމުތަކުން ބިދޭސީ ކުޅުންތެރިން ވެސް ފެނިގެންގޮސްފައިވެއެވެ. ނަމަވެސް މިލަންދޫން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމުގައި ހިމެނުނީ ދިވެހި ކުޅުންތެރިން އެކަންޏެވެ.

ށ. މިލަންދޫ ޓީމުގެ ބައެއް ސަޕޯޓަރުން: ޒޯން ދޭއްގެ ފުރަތަމަ ލެގުގައި ނ. ލަންދޫއާ ދެކޮޅަށް މާދަމާ ހަވީރު އަމިއްލަ ދަނޑުގައި މިލަންދޫ ނުކުންނާނެ --- ފޮޓޯ: ނޫރާން ޕިކްޗާސް

ލަންދޫން ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅެ، އެގްރިގޭޓުން ހޮޅުދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ އަތޮޅުގެ ބުރުގައި ވާދަކޮށްފައިވަނީ ވެސް ހަމައެކަނި ލަންދުއާއި ހޮޅުދޫއެވެ.

މާދަމާ ހަވީރު މިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ ޒޯން ދޭއްގެ މެޗަށް ނުކުންނަ އިރު، މިލަންދުއާއި ލަންދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ޒޯން ދޭއްގެ ޗެމްޕިއަންކަން ލިބޭނީ ދެ ލެގު ކުޅެ، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށެވެ.