އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސައިންޓިފިކް ސްޓަޑީ އޮފް އިންޓަލެކްޗުއަލް އެންޑް ޑިވެލޮޕްމަންޓް ޑިސްއެބިލިޓީޒް (އައިއޭއެސްއެސްއައިޑީޑީ) ވޯލްޑް ކޮންގްރެސްގައި ރާއްޖެއިން ކެއާ ސޮސައިޓީގެ ޓީޗަރަކާއި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރެއް ބައިވެރިވެއްޖެއެވެ.

އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 14 އިން 19 އަށް ކުރިއަށް ގެންދިޔަ ކޮންގްރެސްގައި ބައިވެރިވެފައިވަނީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެއްކަމުގައިވާ އާމިނަތު ނީޝަމް އާއި ކެއަރ ސޮސައިޓީގެ ހެޑްޓީޗަރު ފާތިމަތު ޒާނާ ރަފީއު އެވެ.

އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އައިއޭއެސްއެސްޑީޑީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ ކެއާ ސޮސައިޓީ

ކެއަރ ސޮސައިޓީގެ ހެޑް ޓީޗަރ ފާތިމަތު ޒާނާ ރަފީއު ވިދާޅުވީ، އެ ކޮންގްރެސް ބޭއްވި މައިގަނޑު މަގްސަދަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ މަޝްހޫރު ރިސާޗަރުންނާއި އެ ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކަށް އެއްވެ އެފަރާތްތަކުގެ އެންމެ ފަހުގެ ދިރާސާތައް އެހެން މީހުންނާ ހިއްސާކޮށް ވިސްނުމުގެ ނުކުޅެދުންތެރިކަމާއި ހެދިބޮޑުވުމުގެ ނުކުޅެދުންތެރިކަމާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުން ކަމަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެކިކަންކަމުގައި ބޭނުންހިފޭ އަދި އަގުވަޒަންކުރެވޭ ފަރާތްތަކަކަށް ހެދުން ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ.

ޒާނާ ވިދާޅުވީ، ކެއާ ސޮސައިޓީގެ ފަރާތުން ނީޝަމްއަށް އެ ފުރުސަތު ދީފައިވަނީ އައިއޭއެސްއެސްއައިޑީޑީ އިން ފޮނުވި ކްރައިޓީރިއާގެ ޝަރުތުތައް ހަމަވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހޯދުމުގެ ތެރެއިން އިންޓަވިއުކުރުމަށްފަހު ނީޝަމް އަކީ އެ ޝަރުތުތައް ހަމަވާ ދަރިވަރަކަށްވާތީ ކަމަށެވެ. އަދި އެ ކޮންގްރެސްއަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހޯދުމުގެ ގޮތުން ކެއާ ސޮސައިޓީން އެންޖީއޯސް ތަކާއި ގުޅައިގެން ވާހަކަދެއްކުމުގެ އިތުރުން އެކި ސްކޫލްތަކަށް ގުޅައިގެން ވާހަކަ ދައްކާފައިވާނެ ކަމަށްވެސް ޒާނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ފުރުސަތުތައް ކެއާ ސޮސައިޓީއަށް ލިބެމުންދާ މިންވަރަކުން ނުކުޅެދުންތެރިކަން ހުންނަ އެހެން ފަރާތްތަކަށްވެސް އެ ފުރުސަތުތައް ދެމުން ގެންދާނެ ކަމަށެވެ.