ނ. މަނަދޫގައި ހުރި 50 އަހަރަށް ވުރެ ދޮށީ ނިކަ ގަހެއް ކޮޅިގަނޑެއްގައި މިއަދު ވެއްޓިއްޖެ އެވެ.

މަނަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝިފާޒު ވިދާޅުވީ ރަށުގެ މަލަމަތި ދައްކުވައިދޭ ނިކަގަސް ވެއްޓުނީ މިއަދު މެންދުރުގެ ވަގުތު ވައިގަދަވި ވަގުތު ކަމަށެވެ. ކައުންސިލްގެ ނައިބު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ހިމާޔަތްކޮށްފައި ހުރި ނިކަ ގަސް ބަލަހައްޓަމުން ދަނީ ވަތަނިއްޔާ އިން ކަމަށެވެ.

އެ ރަށުގެ މިސްކިތަކާއި ބޭންކް ހުންނަ ސަރަހައްދާ ގާތުގައި ހެދިފައި ހުރި ބިޔަ ނިކަގަސް ވެއްޓިފައި ވަނީ މިއަދު މެންދުރު ގަދަޔަށް ވައިގަދަވި ވަގުތު ދެފަޅި އަށް ފަޅައިގެން ގޮސް ގެން ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ގަސް ވެއްޓިފައި ވަނީ މަގު މެދަށް ވާގޮތަށް ކަމަށާއި މަގު އޮތީ އެއްކޮށް ބަންދުވެފައި ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިސްކިތާ ވަތަނިއްޔާ އެންޓަނާގެ އިރުމަތީ ފަރާތަށް ވާ ގޮތަށް ހުރި ދެ ނިކަ ގަހުގެ ތެރެއިން ވެއްޓުނީ މިސްކިތާ ކައިރިއަށް ހުރި ނިކަ ގަސް ކަމަށެވެ. އަދި މީގެ ކުރިން އެ ގަހުގައި ވަނީ އަލިފާންރޯކޮށްފައި ކަމަށް ވެސް އެމީހާ ބުންޏެވެ.