އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން، މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް) އާ އެކު ސޮއި ކޮށްފިއެވެ.

މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެއްބަސް ވުމުގައި ސޮއިކޮށްފައިވާއިރު، އެ ހަފްލާގައި ދިރާގުގެ މެނޭޖަރު، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަނާއި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިސްކް މެގަޒިންގެ ފަރާތުން އެ މެގަޒިންގެ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދުގެ އިތުރުން ކޯފައުންޑަރު މުހަންމަދު ނަޖުވާން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރިއާޔަތު ވިދާޅުވީ، ދިރާގަކީ މިދިޔަ އަހަރުން ފެށިގެން ވަރަށް ގާތުން މަސައްކަތްކުރެވި، އަދި މިއަހަރުގެ ފުރަތަމަ އަދަދުން ފެށިގެން މެގަޒިންގެ ޓެލެކޮމް ޕާޓްނަރުގެ ހައިސިއްޔަތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި، ދިރާގަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުންނަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގެ އެސޯސިއޭޓް ޕާޓްނަރުގެ އެއްބަސްވުމުގައި ދިރާގުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިރާގު

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ، ނާޝިދު ފަދަ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފަންނާނެއްގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވޭ ޝޯވއެއްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކުގައި މިއުޒިކް އިންޑަސްޓްރީއަށް އަދި ހާއްސަކޮށް ޒުވާނުންނަށް، ދިރާގުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޝްހޫރު މިއުޒިކް ބޭންޑު "ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދަށް ދިވެހި ފަންނާނުންގެ ފަރާތުން ދޭ ޓްރިބިއުޓް ޝޯގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހިމެނެއެވެ. ދިރާގަކީ އެ ޝޯގެ ފަސް އެސޯސިއޭޓް ޕާޓްނަރުންގެ ތެރެއިން ޕާޓްނަރެކެވެ.