ދުންފަތް އިސްތިހާރު ވާ ގޮތަށް ސިނގިރޭޓް ފޮށިތެރެއަށް އިސްތިހާރު ލައިގެން ވިއްކުން ހުއްޓާލައިފި އެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރާ ކެމަލް ބުރޭންޑުގެ ސިނގިރޭޓު ފޮށިތަކުގެ ތެރެއަށް ކުޑަ ކަރުދާސްކޮޅެއް ލައި އެ ބުރޭންޑް އިސްތިހާރު ކުރުމަށް ދަނީ ފުޅާ ކެމްޕެއިނެއް ހިންގަމުންނެވެ.

ވިޔަފާރިވެރިން މައުލޫމާތު ދޭ ގޮތުގައި މިހާރު ސިނގިރޭޓް އެތެރެ ކުރާ ފަރާތްތަކުން ފިހާރަތަކަށް ސިނގިރޭޓް ވިއްކަނީ ފޮށި ކަނޑައި އޭގެ ތެރެއަށްލާފައިވާ އިސްތިހާރު ނެގުމަށްފަހު ކަމަށެވެ.

ދުންފަތް ކޮންޓުރޯލް ކުރާ ގާނޫނު ބުނާ ގޮތުން އެއްވެސް ސިފައެއްގައި ރާއްޖޭގައި ދުންފަތް އިސްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވީ މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަންތަކުން އެގޮތަށް އިސްތިހާރުކުރާކަން ފާހަގަ ނުކުރެވޭ ކަމަށާއި އެގޮތަށް އަމަލު ކުރި ފަރާތާއި މެދު އަދި ފިޔަވަޅެއް ނާޅާ ކަމަށެވެ.

އެގޮތަށް އިސްތިހާރު ކުރާކަށް ސަމާލުކަން ގެނައުމާއެކު އެޗްޕީއޭއިން ވަނީ ފުލުހުންނާއި ކަސްޓަމްސް މެދުވެރިކޮށް އެކަން ހުއްޓުވަން އަންގާފަ އެވެ.