25 Aug 2016, 16:43
ޓްރާންސްޕޯޓް އޮތޯރިޓީއާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އާއި ސައުތުއޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާ ގުޅިގެން ކަނޑުގެ ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށް ޕްލޭނެއް އެކުލަވާލުމަށް ބޭއްވި ވޯކްޝޮޕް މިއަދު ނިންމާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް މޫކައި ހޮޓަލުގައި "ރީޖަނަލް ވޯކްޝޮޕް ފޯ އަޕްޑޭޓިން ދަ ރީޖަނަލް އޮއިލް އެންޑް ކެމިކަލް ސްލިޕްސް ކޮންޓިންޖެންސީ ޕްލޭން އެންޑް އިޓްސް އެނެކްސެސް ފޯސައުތު އޭޝިއަން ސީސް ރީޖަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ފަސް ގައުމަކުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ އިތުރުން އެ ވޯކްޝޮޕުގައި ބައިވެރިވީ ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާނެވެ.
އެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ނާފިޒް ވިދާޅުވީ މިހާރު އެ ޕްލޭން އެކުލަވައިލުމަށް ގާތްގަނޑަކަށް އެއްބަސް ވުމަކަށް އާދެވިފައިވާ ކަމާއި، އިންޑިޔާވެސް ވަރަށް އަވަހަށް އެކަމުގައި ބައިވެރިވާނެ ކަމަށެވެ. އަދި މި ރީޖަންގެ ގައުމު ތަކަށް ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލަން މަސައްކަތްކުރާތާ ދެ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ އެއްބަސްވުމަކާ ހަމައަށް އައުމަށް ދާދި ކައިރިވެފައި. ހަމަ އެކަނި މީގަ އިންޑިއާ މިހާރު އޮތީ އޮންބޯޑު ނުވާ. އިންޑިއާ އޮންބޯޑުވުމާއެކީގަ މި ފައިނަލްވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ. މިހާރު އިންޑިއާވެސް މި ބައްދަލުވުންތަކުގަ މިކުރެވޭ މަޝްވަރާތަކާއެކީގަ އެބޭފުޅުންވެސް މިހާރު މީގެ ތެރެއަށް އައުމަށް ހަމަ ދާދި ކައިރީގަ މިއޮތީ،" ނާފިޒް ވިދާޅުވިއެވެ.
އެ ވޯކްޝޮޕަކީ ސައުތު އޭޝިއާ ކަނޑުގެ ސަރަހައްދު ތެލާއި ކެމިކަލް އަދި ނުރައްކާތެރި އެހެނިހެން ވިހަ މާއްދާތަކުން ތަޣައްޔަރުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެފަދަ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސަރަހަައްދީ ޕްލޭނުގެ މަސައްކަތް ނިންމައި އެ ޕްލޭނަށް ގައުމުތަކުން އެއްބަސްވެ އެއަށް އަމަލުކުރުމަށްޓަކައި ގައުމުތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.