ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ފަހުކޮޅު ފަށާގޮތަށް ނިންމައިފި އެވެ.

ސާފް ޗެމްޕިއަންޝިޕް 2017 ބާއްވާ ތާރީހު އިއުލާން ކޮށްފައިވަނީ ސްރީލަންކާގެ ނެގަންބޯގައި މިއަދު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައެވެ.

ސާފްގެ އެކްސްކޯ ބައްދަލުވުމުން ބަންގްލަދޭޝްގައި ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ބައްދަލުވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން އެ އެސޯސިއޭޝަނުގެ ރައީސް އަހްމަދު ޠާރިގު (ޓޮމް) ބައިވެރިވެވަޑައިގެންނެވި އިރު، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ބައިވެރިވެވަޑައިގަތީ ސާފްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައެވެ.

ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އަންނަ އަހަރުން ފެށިގެން ސާފް ކްލަބު ޗެމްޕިއަންޝިޕް ބޭއްވުމާމެދު ވެސް މަޝްވަރާކޮށްފައިވެ އެވެ.