25 Aug 2016, 14:52
އެޑިންބަރާ (އޮގަސްޓް 24): ސްކޮޓްލެންޑުގެ އަންހެން ފުލުހުންގެ ރަސްމީ ޔުނިފޯމުގައި ބުރުގާ ހިމަނައިފި އެވެ.
މީގެ ކުރިން ސްކޮޓްލެންޑުގައި މުސްލިމް ފުލުހުން ޔުނިފޯމާއެކު ބުރުގާ އަޅަން ބޭނުން ނަމަ އިސް ފުލުހެއްގެ ހުއްދަ ބޭނުން ވާނެ އެވެ. އެ ގަވާއިދު ތައާރަފް ކުރިތާ 15 އަހަރު ފަހުން، މިހާރު ރަސްމީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ބުރުގާ ހިމެނުމުން މުސްލިމް ފުލުހުހްނަށް އިތުރު ހުއްދައެއް ބޭނުން ނުވާނެ އެވެ.
ސްކޮޓްލޭންޑުގެ ފުލުހުން ބުނި ގޮތުގައި އެގޮތަށް ނިންމާފައި ވަނީ މުސްލިމް އަންހެނުން ފުލުހުންގެ ފައުޖުތަކާ ގުޅުމަށް ހިތްވަރު ދިނުމަށާއި ފުލުހުންގެ ފައުޖުތަކަކީ މުޖުތަމައުގެ އެންމެން ރަމްޒުކޮށް ދޭ ފައުޖުތަކަށް ހެދުމަށްޓަކަ އެވެ.
ސްކޮޓްލޭންޑުގެ މުސްލިމުންނާއި ފުލުހުންނާ އޮންނަ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ސްކޮޓިޝް ޕޮލިސް މުސްލިމް އެސޯސިއޭޝަން (އެސްޕީއެމްއޭ) އިން ވަނީ އެނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އަދި އޭގެ ސަބަބުން ތަފާތު އަގީދާތަކާއި ނަސްލުތަކަށް ނިސްބަތްވާ އަންހެނުން ފުލުހުންގެ ފައުޖުތަކާ ގުޅޭ މިންވަރު އިތުރުވާނެ ކަމަށް ކަމަށް ބުނެފަ އެވެ. (އިންޑިޕެންޑެންޓް)