25 Aug 2016, 13:34
ނަހަމަ ގޮތުގައި ޑޮލަރު ހޯދައި ބުލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބެންކް ތަކަށާއި ފުލުހުންނަށް އަންގައިފިއެވެ.
ބުލެކް މާކެޓުގައި ޑޮލަރެއްގެ އަގު 17 ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "ސަން"އަށް މިއަދު ވިދާޅުވީ، ދަތުރުވެރިންނަށް ހާއްސަ އުސޫލަކުން ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކަމުންދާއިރު އެކަމަށް މަކަރު ހަދައި އަޅުވާލައިގެން ޑޮލަރު ގަންނާތީ އެކަން ހުއްޓުވުމަށް ބެންކްތަކުގައި އެދިފައިވާނެ ކަމަށެވެ.
"މަކަރު ހަދާތީ ބެންކްތަކަށް އެޑްވައިކޮށްގެން މިއުޅެނީ، ދަތިވާނެ ފުރާމީހާ ޓިކެޓު ހިފައިގެން ދާންވީމަ، އެކަމަކު އެހެން ނުހަދާނަމަ މަކަރުވެސް ހަދަނީ، އެހެންވީމަ އެކަހަލަ ކަންކަން ހުއްޓުވާނެ ގޮތެއް ހޯދަންޖެހޭ،" މަންސޫރު ވިދާޅުވިއެވެ.
ބެންކްތަކުން މިހާރު ވަނީ ޓިކެޓަށް ޑޮލަރު ނަގައި ބުލެކް މާކެޓުގައި ވިއްކަމުންދާތީ އެކަން ހުއްޓުވުމަށް ސީދާ ދަތުރުކުރާ މީހާ ޑޮލަރު ގަންނަން އަންނަންޖެހޭގޮތަށް އުސޫލް ބަދަލުކޮށްފައެވެ.
އެމްއެމްއޭ ގަވައިދު ބުނާގޮތުން އެފަރާތުން ހުއްދަ ނުދޭ މީހުންނަށް ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތެއް ނުހިންގޭނެއެވެ.
މުސާރާގެ ގޮތުގަޔާއި އެހެނިހެން ގޮތްގޮތުން ޑޮލަރު ލިބޭ ފަރާތްތަކުން ބުލެކްމާކެޓުގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުންނާއި އެކަން ހިއްސާކޮށްފައިވާ ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.
"އެމްއެމްއޭއިން މިހާރު ވާނީ ޕޮލިހަށްވެސް ފޮނުވާފައި ބެންކް މެދުވެރިކޮށް އަމިއްލަ ފަރާތްތަކުން އެކަހަލަ ވިޔަފާރި ކުރާތީ، އެއީ ލައިސެންސް ނެތި އެކަން ކުރާ ފަރާތްތައް،" މަންސޫރު ވިދާޅުވިއެވެ.
މިއަދު ބުލެކް މާކެޓުގައި ޑޮލަރު ލިބެން ހުރީ 16.95 ރުފިޔާއަށާއި 17 ރުފިޔާއަށްވުރެ މަތީގައެވެ.
ޑޮލަރުގެ ޑިމާންޑް އިންތިހާއަށް ބޮޑުވި ސަބަބުތަކުގެ ތެރޭގައި ހައްޖު މޫސުމަށްވެގެން މީހުން ޑޮލަރު ހޯދުމާއި އީދު ބަންދަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ޑޮލަރު ހޯދުން ހިމެނެއެވެ.