ރާއްޖޭގެ ފެތުންތެރިންނަށް ވީ އެންމެ އަވަހަކަށް ޒަމާނީ ފަތާ ފެންގަނޑެއް ބޭނުންވާ ކަމަށް 'ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް' ފުރިހަމަ ކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރާއްޖޭގެ އެންމެ ބާރު އަންހެން ފެތުންތެރިއާ އައިމިނަތު ސަޖަން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެތުންތެރިން ތަމްރީންތަކާއި މުބާރާތް ތައް ބޭއްވުމަށް ވެސް މޫދު ބޭނުން ކުރަމުންދާއި އިރު ވެރިރަށް މާލޭގައި ގައުމީ މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މޫދުގައެވެ.

ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރޭ) ކުރިމަތިކުރުވި ޗެލެންޖް ފުރިހަމަކުރެއްވުމަށް ފަހު މިއަދު ހެނދުނު ފަތާ ފެންގަނޑު ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ ޒަމާނީ ފަތާ ފެންގަނޑެއް އެޅުމުގެ ވިސްނުން މީގެ ކުރީގެ ސަރުކާރުތަކުން ވެސް ގެންގުޅުނު ކަމަށާއި ތަފާތު އެކި ސަބަބު ތަކާ ހުރެ އެކަން ނުކުރެވި ލަސްވެފައިވާ ކަމަށެވެ.

ރައީސް ވަހީދު އާއި ސަޖަން 'ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް' ފުރިހަމަ ކުރުމަށް ތައްޔާރު ވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"އަޅުގަނޑުމެންގެ ތެރޭގައި ފެތުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން ގިނަވުމާއެކު ވީހާވެސް އަވަހަކަށް އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ހެދިފައިހުރުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވަހީދު ވިދާޅުވިއެވެ.

ދެގަޑި އިރެއްހާ އިރަށް ދިގުދެމިގެން ދިޔަ އެ ތަމްރީންތަކަށް ފަހު ރައީސް ވަހީދު ވިދާޅުވީ އެ ގޮތަށް ރާޅުގެ ތެރޭގައި ފެތުމަކީ ފަސޭހަ ކެމެއް ނޫން ކަމަށެވެ.

ސްވިމިން އިން މިހާތަނަށް ރާއްޖެ އަށް ލިބުނު ހަމަ އެކަނި މެޑަލް މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ހޯދައިދިން ފެތުންތެރިއާ، ސަޖަން ބުނީ އޭނާގެ ފެތުމުގެ ހަޔާތުގައި ދެން އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި ޒަމާނީ ފަތާ ފެންގަނޑެއް ހެދޭނެ ދުވަހެކެވެ.

މާލޭގެ ދެކުނު ފަރާތު މޫދުގައި އޮންނަ ފަތާ ފެންގަނޑު --- ފޮޓޯ: ސްވިމިންއެސޯސިއޭޝަން

"ފެންވަރަ ރަނގަޅު މޮޅު ސްވިމިން ޕޫލެއް ނޫނަސް އަޅުގަނޑުމެން ޓްރެއިން ކުރެވޭނެ ސްވިމިން ޕޫލްއެއް މިތާގަ އޮތުން އުންމީދަކީ،" ދާދި ފަހުން ނިމުނު އޮލިމްޕިކްސްގައި ވެސް ދިވެހި ގައުމު ތަމްސީލް ކުރި ސަޖަން ބުންޏެވެ.

ސަޖަން ބުނީ އޭނާ ރާއްޖެ އިން ބޭރުގައި ތަމްރީން ފުރިހަމަ ކުރާތާ މިހާރު ހަތަރު އަހަރު ވެފައިވާ ކަމަށާއި އެކުމުގެ ސަބަބުން އަމިއްލަ ހުނަރަށް ވެސް ވަރަށް ބޮޑު ހެޔޮބަދަލެއް އައިސްފައިވާ ކަމަށެވެ.

ރައީސް ވަހީދު އާއި ސަޖަން މާލޭގެ ސްވިމް ޓްރެކްގައި ފަތަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ނަމަވެސް އާއިލާ އާއި ދުރުގައި އެ ގޮތަށް އުޅުމަކީ އެއްވެސް ގޮތަކަށް ފަސޭހަ ކަމެއް ނޫން. އެކަމަކު ފެތުމުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ބޮޑު ގުރުބާނީއެއް ވެގެން މި އުޅެނީ،" ސަޖަން ބުންޏެވެ.

ސަޖަން ބުނީ ރާއްޖޭގައި ޒުވާން ހުނަރު ހުރި ގިނަ ފެތުންތެރިން ތަކެއް އުޅޭ ކަމަށާއި ނަމަވެސް ހުރިހާ ކުދިންނަކީ ރާއްޖެ އިން ބޭރުގައި އުޅެވޭނެ ކުދިންނެއް ނޫން ކަމަށާއި ކުޑައިރުން ފެށިގެން އެކުދިން ނަށް ރަނގަޅު ތަމްރީންއެއް ދެވިއްޖެނަމަ މުސްތަގްބަލްގައި ރާއްޖޭގެ ސްވިމިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ރާއްޖޭގައި ޒަމާނީ ފަތާ ފެންގަނޑަކާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ސަޖަން އަންނަނީ ރާއްޖެ އިން ބޭރުގައި ތަމްރީނުތަކެއް ހަދައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.