31 May 2011, 13:14
ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގެ މުއްދަތު ހަމަވާއިރު އެމްއެންބީސީން އެ ހުކުމަށް ތަބާވެފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ ގާނޫނީ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް އެމްބީސީން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ އެމްއެންބީސީން، އެމްއެންބީސީވަންގެ ނަމުގައި މިހާރު ހިންގަމުން އަންނަ ކުރީގެ ޓީވީއެމާއި ރާއްޖެ ރޭޑިއޯގެ ނަމުގައި ހިންގަމުން އަންނަ ދިވެހި ރާއްޖޭގެ އަޑު 20 ދުވަހުގެ ތެރޭގައި (އެމްބީސީ) އާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިމަހު 12 ވަނަ ދުވަހު އެވެ. ނަމަވެސް މާނަ ކުރުމާ ބެހޭ ގާނޫނަށް ބަލާއިރު މުއްދަތު ގުނަންޖެހެނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވާތީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ހިމެނޭ 20 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހަށެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެމްބީސީގެ ބޯޑު މެންބަރު އަލީ ޝައްމާން މިއަދު ވިދާޅުވީ، ސިވިލްކޯޓުން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ގާނޫނީ މަރުހަލާ ހިޔާރު ކުރުމަށް އެމްބީސީން ނިންމާފައިވާ ކަމަށެވެ.
"ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ތަންތަން އެމްބީސީއާ ހަވާލު ކުރުމަށް މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ އެމްއެންބީސީއަށް ހުށަހަޅައިފައި. ނަމަވެސް އެކަން އަދިވެސް ކޮށްފައެއްނުވޭ. އެހެންކަމުން ހުކުމް ތަންފީޒު ކުރުމަށް އެދި ގާނޫނީ މަރުހަލާ ހިޔާރު ކުރުމަށް އެމްބީސީން ވަނީ ނިންމައިފައި،" ޝައްމާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، ސިވިލްކޯޓުގެ ހުކުމާ އެއްގޮތަށް އެ ތަންތަން އެމްބީސީއާ ހަވާލުކުރުމާ ބެހޭ ތާވަލެއް އެކުލަވާލުމަށް އެމްއެންބީސީއަށް މީގެ ކުރިން ހުށަހެޅި ހުށަހެޅުމާބެހޭ ގޮތުން އެމްއެންބީސީން ދިން ޖަވާބުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނި ނަމަވެސް އެ ފަރާތުން އެ މައްސަލަ އަދި އިސްތިއުނާފަށް ހުށަހެޅި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އެޓާނީ ނެރެޖަލް އަބުދުﷲ މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމްބީސީ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް ސަން އަށް މައުލޫމާތު ދެއްވަމުން އެޓާނީޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ އެ މައްސަލަ އަދި އިސްތިއުނާފަށް ހުށަހަޅުއްވާފައި ނުވާކަމަށެވެ. އަދި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް 90 ދުވަހުގެ މުއްދަތެއް ލިބިދޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.