19:00


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއި އ.ދ. އާ ގުޅިގެން ރާއްޖޭގައި ބޭއްވި މީޑިއާ ފަރާތްތަކުގެ ސަރަހައްދީ ބައްދަލުވުން މިއަދު ނިމިއްޖެ އެވެ.


ހޮލިޑޭ އިންގައި އިއްޔެ ފެށި ދެދުވަހުގެ އެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، ޔުނެސްކޯއާ ގުޅިގެން ސަރުކާރުން އިންތިޒާމް ކުރި މި ބައްދަލުވުމުގައި ބައިވެރިވި ސާކު ގައުމުތަކުގެ މީޑިއާ ފަރާތްތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ދުނިޔޭގެ އަދި ރާއްޖޭގެ ޖަމިއްޔާތަކުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި އެކަމާ ގުޅޭ ޤާނޫނުގެ މައްޗަށް ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ މައްޗަށް ބައްލަވައި ބައިވެރިން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. ޑރ. ސަވާދު އިތުރަށް ވިދާޅުވީ، މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބޭރުގެ ނޫސްވެރިންނާއި ޖަމިއްޔާތަކާއި އަދި ރާއްޖޭގެ ނޫސްވެރިންނާ ދެމެދު ނެޓްވޯކެއް ގާއިމްކުރުމަށް ވިސްނަވައިގެން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް އިތުރަށް ހޯދައިދިނުމާ ގުޅޭގޮތުން ޔުނެސްކޯއާއެކު މި ބައްދަލުވުމުގެ ހަވާސާގައި ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް ޑރ. ސަވާދު ވިދާޅުވި އެވެ.


މި ބައްދަލުވުން ނިންމުމުގެ ގޮތުން މިއަދު މެންދުރު ހޮލިޑޭ އިންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވަނީ "އަހަރުގެ ދިވެހި ނޫސްވެރިޔާ" ގެ އިނާމު އިފްތިތާޙު ކޮށްދެއްވައިފަ އެވެ.


މި އިނާމުގެ ތަޢާރަފް ދެއްވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، މި އިނާމް ދެއްވުމަށް ނިންމެވީ، ނޫސްވެރިކަމުގައި އެތަކެއް ހިތި ތަޖުރިބާތަކެއް ކުރަންޖެހުނު ނަމަވެސް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އާއްމުކޮށް، އެ ހައްގުގެ ބޭނުންކޮށްގެން މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. މި އިނާމަކީ، އަމިއްލަ ނޫސްވެރިންގެ ތެރެއިން، އެ ނޫސްވެރިން އަމިއްލައަށް ވޯޓުދީގެން ހޮވާ ނޫސްވެރިއަކަށް 2011 ވަނަ އަހަރުން ފެށިގެން ދެއްވާ އިނާމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި އިނާމް ދިނުމުގެ ކަންތައް ނޫސްވެރިންގެ މެދުގައި ކުރިއަށްގެންދާނެ އޮނިގަނޑެއް ތައްޔާރުކޮށް، އަންނަ މަހު މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ.