25 Aug 2016, 13:09
ރޯމް (އޮގަސްޓް 24): އިޓަލީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 247 އަށް އަރައިފި އެވެ.
ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި މެދުތެރޭ އިޓަލީގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް 4،300 ވަރަކަށް ސަލާމަތީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ އިރު އަނިޔާވި މީހުންގެ އަދަދު ވަނީ 368ކަށް އަރާފަ އެވެ.
ބިންހެލުމުގެ ސަބަބުން ގިނައިން މަރުވީ ކުޑަކުދިން ކަމަށް ފާހަގަ ކުރައްވަމުން އިޓަލީގެ ހެލްތް މިނިސްޓަރު ވަނީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވިސަސް އިން ބުނި ގޮތުގައި ފުރަތަމަ އައި ބިންހެލުމުގެ ބާރުމިނަކީ 6.4 މެގްނިޓިއުޑެވެ. އަދި އޭގެ ފަހުން އައި އާފްޓާޝޮކްތަކުގެ ތެރޭގައި 4.7 މެގްނިޓިއުޑުގެ އާފްޓާޝޮކެއްވެސް ހިމެނޭ ކަމަށް ޔޫއެސްޖީއެސް އިން ބުންޏެވެ. (ބީބީސީ)