25 Aug 2016, 12:16
މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބާތިލުކޮށްދިނުމަށް އިންތިޚާބުގައި ވާދަކުރެއްވި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ކާނަލް ނަޝީދުގެ ފަރާތުން ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސްއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް މި މަހުގެ 22 ވަނަ ދުވަހު ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. އެހެންކަމުން މައްސަލަ ބާތިލުކޮށް އެމައްސަލަ ނިންމާފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މައްސަލަ އަނބުރާ ގެންދިއުމަށް ކާނަލް އެދިފައި މިވަނީ އިންތިހާބު ބާތިލުކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީ އިން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބޭވުމަށް އަންގާފައިވަނިކޮށެވެ.
ހޯމް މިނިސްޓްރީ އިން އެގޮތަށް އަންގާފައި ވަނީ އެ މިނިސްޓްރީން އެ މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފުވެފައިވާކަން ފާހަގަވެފައިވާތީ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންތިހާބުތަކުގައި ވޯޓުދެވޭނީ އެ އެސޯސިއޭޝަނުގެ ފުރިހަމަ މެންބަރުންނަށެވެ. އަދި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނަން ވެވޭނީ ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތަކަށެވެ.
ކާނަލް ނަޝީދު ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުން ބަލިވެ ވަޑައިގަތީ މީގެ ކުރިިން ދެ ދައުރު ވެސް އިންތިޚާބުވެވަޑައިގެންފައިވާ މުހައްމަދު ރިޔާޒެވެ.