25 Aug 2016, 11:55
އިނގިލީގެ ނިޝާން ނުޖަހައި ހުރި ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް ފަހު އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަށް މިއަދު އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް އަންގާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި އެ ކޮމިޝަނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތަކުގެ ބަދަލުގައި އާ ފޯމް ފުރިހަމަކޮށް އޭގައި އިނގިލީގެ ނިޝާން ޖެހުމަށް ފަހު އަލުން ހުށަހެޅުމަށް ގާނޫނަށް ގެނައި އިސްލާހުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ވަނީ ލާޒިމްކޮށްފަ އެވެ.
ގާނޫނަށް އެފަދަ އިސްލާހެއް އައުމުގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރީގެ ފޯމްތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް ސިޔާސީ ޕާޓީތަކަށް އަންގައިފަ އެވެ. ނަމަވެސް އެ އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު އެންގުމެއް ކަމަށް ބުނެ އެމްޑީޕީ އާއި ޑީއާރްޕީގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
ކޯޓުން ވަކިގޮތެއް ނިމެންދެން އިލެކްޝަންސްގެ އެންގުމަށް އަމަލުކޮށްދިނުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ދެ ޕާޓީން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެވެން ނެތް ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު އިނގިލީގެ ނިޝާން ޖެހުމަށް ފަހު ފޯމުތައް ހުށަހަޅަން ޖެހޭނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއެވެ. ސަބަބަކީ އެ ޕާޓީތައް އުފެދިފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކަމަށްވާތީ އެވެ.