އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި، އެ ސިޓީގައި ހުންނަ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ)ގައި ސަރުކާރުން ހޮސްޕިޓަލެއް ހަދަން ނިންމައި އެތަނަށް ގޮތްގޮތް ހަދާކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުން އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނޭކަމަށް ވެފައިވާ ރިޔާސީ ވައުދާ ހިލާފަށް، ނަޝީދުގެ ސަރުކާރުން އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރަން މިހާރު މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ބުނަމުންދާތީ އެކަން ހަރުއަޑުން ކުށްވެރި ކުރާކަމަށެވެ.

އެމްޑީޕީން ބުނީ، އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްކަމަށްބުނެ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި އެތައް މިލިޔަން ރުފިޔާއެއް ހިމަނަމުން ގެންގޮސްފައިވީ ނަމަވެސް މިއަހަރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު ވެސް ބަޖެޓްގައި ހިމަނަމުންދިޔަ އެއްވެސް ފައިސާއެއް އެ ހޮސްޕިޓަލު އެޅުމަށް ހަރަދުކޮށްފައިނުވާކަމަށެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ކޮންވެންޝަން ސެންޓަރު މަރާމާތު ކުރުމަށް ހިމަނާފައި ވީނަމަވެސް އެކަމަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވުމާ އެކު އައްޑޫގެ ރައްޔިތުން އެދޭގޮތަށް އައްޑޫ ސިޓީގައި ހޮސްޕިޓަލު އިމާރާތް ކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކުރުމާއެކު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާމެދު މިހާރު އަމަލުކުރަމުން އެގެންދާ ގޮތްތައް ވަގުތުން ހުއްޓުވައި އައްޑޫގެ ރައްޔިތުންނަށް އެ ކޮންވެންޝަން ސެންޓަރު ރައްކާތެރިކޮށްދޭނޭކަމާއި، އަދި އައްޑޫގެ ރައްޔިތުން އެދޭގޮތަށް އައްޑޫ ސިޓީގައި ހޮސްޕިޓާ އިމާރާތްކޮށް ފުރިހަމަކުރެވިގެންދާނޭ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަރުވަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ފެނާއި ނަރުދަމާއާއި އަދި މަގުހެދުން ފަދަ މައިގަނޑު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށްކަމަށް ބުނެ ބަޖެޓްގައި ފައިސާ ހިމަނާފައިވީ ނަމަވެސް އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީސީސީ ގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ފިނޭންސް މިނިސްޓްރީން މިމަހުވަނީ ބީލަމަށް ހުޅުވާލާފައެވެ. އަދި އެ ސެންޓަރަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މުނައްވަރު މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ، އީސީސީގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލަށް 20.9 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ 322.3 މިލިއަން ރުފިޔާއެވެ.

ފައިސާ ހަމަޖެހިފައި ވަނީ ސައުދީ ފަންޑުންނާއި އޯޕެކް ފަންޑުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހު އޮތް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އީސީސީ އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އީސީސީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދެއްވާކަމަށެވެ.

އީސީސީ އަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ސާކްސަމިޓް ބޭއްވުމަށް އިމާރާތްކުރިތަނެކެވެ. އެތަނަށް އަޅާނުލެވި ދުވަސްތަކެއް ވުމުގެ ސަބަބުން އެތަނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.