25 Aug 2016, 11:35
ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުން ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުންނަށް އަލީކަލޭފާނު އެވޯޑުގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.
އެ ފައުންޑޭޝަނުުން މި އަހަރުން ފެށިގެން ދިނުމަށް ހަމަޖެއްސި އެ އެވޯޑާ އެކު އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެންމެ މޮޅުދަރިވަރަށް އެވޯޑާއި 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، މުޅި ސްކޫލުން ދެވަނައަށް ދާ ދަރިވަރަކަށް 5000 ރުފިޔާ އަދި ގްރޭޑް 9ން އެންމެ މޮޅު ދަރިވަރަކަށް 2500 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުން އެ އިނާމުތައް ދިނުމަށް ވަނީ ގދ. އަތޮޅު މަދަރުސާ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ގައްދޫ އަލިކަލޭފާނު ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ފައުންޑޭޝަނުގެ ފައުންޑާ މެމްބަރު އަބްދުﷲ މައުމޫނާއި ނައިބު ރައީސް އަބްދުﷲ އިމާދެވެ. އަދި ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ނާހިދާއާއި އެޑްމިނިސްޓްރޭޓަރު އަހްމަދު ނަޖީބެވެ.
އަލީކަލޭފާނު ފައުންޑޭޝަނުގެ ރައީސް އަބުދުالله އަޒުމީން ވިދާޅުވީ އެ އެވޯޑް ތައާރަފްކުރީ ދެ މަގްސަދެއްގައި ކަމަށެވެ. އެއީ ގައްދޫގެ ތައުލީމަށް ހިދުމަތްކުރުމަށާއި ސްކޫލުގެ ނަތީޖާ ރަނގަޅު ކުރުމަށް ބާރުއަޅައި ދަރިވަރުންނާއި ބެލެނެވެރިންގެ މެދުގައި ތައުލީމީ ވާދަވެރިކަން އުފެއްދުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެވޯޑަކީ ތަނަވަސްކަން ހުރި ފަރާތްތަކުގެ އެހީތެރިން ގދ. އަތޮޅު މަދަރުސާ އަށް ހޯދައިދިނުމަށް ތައާރަފް ކުރި އެވޯޑެއް ކަމަށާއި ކުރިމަގުގައި މިއެވޯޑް އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ.
އެ ފައުންޑޭޝަނުން ވަނީ ހަތަރު ދާއިރާއަކުން ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ހަތަރު ދާއިރާއަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އަދަބީ ހަރަކާތްތަކާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާ އެވެ.
އަލީކަލޭފާނު އެވޯޑު ނިސްބަތްވަނީ 20 ވަނަ ސައްތައިގެ ތެރޭގައި ދިވެހި ގައުމަށާއި ގައްދޫ އަށް އެކިރޮނގުރޮނގުން ވަރަށް އިޚްލާސްތެރި ގިނަގުނަ ހިދުމަތްތަކެއްކޮށްދީފައިވާ ގައްދޫ އަލީކަލޭފާނަށެވެ.