މައިންބަފައިގެން ފަރާތުން އަނިޔާ ލިބެމުންދިޔަ ނ. ވެލިދޫ ދެ ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ނ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އިއްޔެ ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލިދޫގެ ނުވަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުދިންގެ މައިންބަފައިގެން ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް އެކި ދުވަސްމަތިން ކުރަމުންދާ މައްސަލައެއް ފެންމަތިވެގެން، އެ ދެ ކުދިން ވަނީ ނ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ސެންޓަރުން މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާއިރު، އެ ކުދިން ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ވަނީ މަނަދޫ އަންހެނުންނާ އިއްޔެ ބައްދަލުކޮށްފަ އެވެ.

ނަން ހާމަ ނުކުރުމަށް އެދި ވެލިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުދިންގެ މައިންބަފައިން ދިރިއުޅޭ ވެލިދޫގެ މާހައުލުން އެކަހެރިކޮށް، މަނަދޫގައި އެ ކުދިން ގެންގޫޅޭ ގޮތަށް ނިންމީ ފުލުހުން އެ މައްސަލަ ވެލިދޫގައި ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އަދި އެ ދެ ކުދިންގެ މަންމަޔަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އެ ކުދިންނާ މެދު އަމަލް ކުރަމުންދާ އަންހެނެއް ކަމަށާއި އެކަމާ ގުޅިގެން ފުލުހުނާއި ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އެ މައްސަލަ ތަހުގީކު ކުރަމުންދާ ކަމަށެވެ.

ދެ ކުދިން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި 35 އަންހެނުންނާ އެކު ނ. އަތޮޅު މަދަނޫ މަދަރުސާގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ކުދިން ބެލެހެއްޓުމުގެ ޝައުގުވެރިކަން ހަތަރު އަންހެނަކު ފާޅުކޮށްފައިވެ އެވެ. ނަމަވެސް އެ އަންހެން ވެރިންގެ، އާއިލާތަކުގެ ރުހުން ލިބިފައި ނުވުމުން އެ ކުދިން ބަލަހައްޓާނެ ކަމުގެ ޔަގީން ކަމެއް އަދި ދީފައެއް ނުވެ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ކުދިން ވަގުތީ ގޮތުން ބެލެހެއްޓުމަށް މަނަދޫގެ އާއިލާއަކާ ހަވާލު ކުރަނީ ދެ ހަފްތާގެ މުއްދަތަކަށެވެ.