ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ މަސައްކަތް ކުރާއިރު އެކަންކަމަށް ލަފާދޭނެ ގާނޫނީ ލަފާދާރެއް ކޮމްންވެލްތުން ހަމަޖައްސަން ނިންމައި ލީގަލް އެޑްވައިޒަރެއް ހޯދަން އިއުލާނުކޮށްފި އެވެ.

ގާނޫނީ ލަފާދާރެއް ބޭނުންވަނީ ޖޭއެއެސްސީ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ލަފާދީ އިސްލާހު ކުރުމަށް ހުރިކަންކަން އިސްލާހުކުރުމަށް އިރުޝާދު ދިނުމަށް ކަމަށް ކޮމަންވެލްތުން އިއްޔެކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ބޭނުމަކީ ރާއްޖޭގައި މިނިވަން ފަނޑިޔާރު ގެއެއް ގާއިމް ކުރުމާއި ބާރުތައް ވަކިކޮށްދިނުމަށް ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެެވެ.

ގާނޫނީ ލަފާދާރުގެ ޒިންމާގެ ތެރޭގައި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ގާއިމް ކުރުމަށް އިސްލާހު ކުރަން ޖެހޭ ހުރިހާކަމެއް އިސްލާހު ކުރަން ހުށަހެޅުން ކަމަށް ވެސް ކޮމަންވެލްތުގެ ރަސްމީ ވެބްސައިޓުގައި ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެމަގާމަށް ހޮވޭ ފަރާތަކަށް މަހަކު 48,400 ޕައުންޑް (983141 ދިވެހި ރުފިޔާ) މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ކޮމަންވެލްތުގެ ކޮންމެ ގައުމެއްގެ މީހަކަށް ވެސް ލިބިގެންވެ އެވެ. މަގާމަށް އެދި ކުރިމަތިލާ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހައިކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވުން ނުވަތަ ގާނޫނީ ވަކީލުކަން ކުރާ މީހަކު ކަމުގައި ވާން ޖެހެ އެވެ.