ސަރުކާރުގެ ފަރާތުން ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އަންނަ އޮކްޓޫބަރު މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ނިއުދިއްލީގައި އިންވެސްޓްމަންޓް ފޯރަމް ބާއްވަން ނިންމައި ތައްޔާރީތަކާ ގުޅޭ ގޮތުން ހައި ކޮމިޝަނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މީގެ ހަފްތާއެއް ކުރިން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް މަޝްވަރާ ކުރައްވާފަ އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ފުރަތަމަ ފޯރަމް ބޭއްވީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގަ އެވެ.

އަދި ދެ ވަނަ ފޯރަމް ބޭއްވީ މިދިޔަ އަހަރު، ޗައިނާގެ ބެއިޖިންގްގަ އެވެ.